ބޭރު ކުޅިވަރު

ބެޓެރީ ޗާޖްކުރަން އަހަރެން ދާނީ މޫދަށް: ރަނިއޭރީ

އިނގިރޭސި ޕްރެމިއާ ލީގު ނިމުމުން އެންމެ ފުރަތަމަދާނީ މޫދަށް ކަމަށާއި އަންނަ ސީޒަނާމެދު ވިސްނާނީ އޭނާގެ "ބެޓެރީ ޗާޖްކޮށްގެން" ކަމަށް ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލެސްޓާގެ 132 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބުކޮށް، ތަށި އުފުލާލުމަށްފަހު އެވެ.

"ތަށި ލިބުނަސް މާދަމާ ވެސް ފަރިތަކުރުންތައް އޮންނާނެ. އަހަރެން މި ވިސްނަނީ ކުރިއަށް އޮތް މެޗަށް. [އެމެޗަށްފަހު] ސީޒަން ނިމުމުން އަހަރެން ދާނީ މޫދަށް. އެއީ އަހަރެންގެ ބެޓެރީ ޗާޖްކޮށްލަން. އެއަށްފަހު އަންނަ ސީޒަނަށް ތައްޔާރުވާނީ،" ރަނިއޭރީ ބުންޏެވެ.

ކޯޗު ބުނީ ލެސްޓާ އަށް ތަށި ލިބުމަކީ ހައިރާންވާންޖެހޭ ކަމެއްނޫން ކަމަށާއި ނަމަވެސް މިއީ ވަރަށް ގިނަ ބަޔަކަށް އުއްމީދު އާކޮށްދެވުނު އަދި އިބުރަތްތެރި ކާމިޔާބީއެއް ކަަމށެވެ.

"އަހަރެން މިހުރީ ވަރަށް އުފާވެފައި. ވަރަށް ގިނަ ކެމެރާތައް އަހަންނަށް އަމާޒުވެފައި އެބަހުރި އަހަރެން [އުފަލުން] ރޯ މަންޒަރު ރެކޯޑް ކުރަން. އެކަމަކު އަހަރެން ރޯކަށް ބޭނުމެއް ނޫން. އަހަރެން މިހުރީ އުފަލުން. އަހަރެންގެ އިހުސާސްތައް ވަރަށްމަތި. އެކަމަކު ހަމަބިމުގައި ހުރެވޭތޯ މިބަލަނީ. ތަށި ލިބިގެން އުފާފާޅު ކުރުން އަހަންނަށް ސިފަވަނީ ވަރަށް ބޮޑު ކާނިވަލެއް ކަހަލަ ގޮތަކަށް. އެކަމަކު މިއީ ޑިސްކޯއެއް ނޫން،" ކޯޗު ބުންޏެވެ.