ހަބަރު

ދޮށީ އުމުރުގެ މީހުންނާ ރައީސް ބައްދަލު ކުރެއްވުން ދަރުބާރުގެއަށް ބަދަލުކޮށްފި

Feb 4, 2015
1

ރައީސް އަބްދުﷲ ޔާމީން ދުވަސްވީ މީހުންނާ ބައްދަލު ކުރެއްވުމަށް މާދަމާ ރޭ ބާއްވާ ހަފްލާ މޫސުން ގޯސްވުމުގެ ސަބަބުން ދަރުބާރުގެ އަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން އެ ބައްދަލުވުން ބާއްވަން ނިންމާފައި އޮތީ މާދަމާ ރޭ 8:30 ގައި ހިރިޔާ ސުކޫލްގައި އެ ޖަލްސާ ބާއްވާށެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެ ހަފްލާ އެތެރޭގެ ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ދަރުބާރުގެ ރަންނަބަނޑޭރި މާލަމަށް މިހާރު ހަފްލާ ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ހަފްލާ އޮންނާނީ ކުރިއެކޭ ވެސް އެއްގޮތަށް މާދަމާ ރޭ 8:30 ގަ އެވެ.

އެ ބައްދަލު ވުމުގެ މަގުސަދަކީ ޒުވާނުންނެކޭ ވެސް އެއްގޮތަށް ހުރިހާ އުމުރެއްގެ މީހުންގެ އިހުސާސްތަކާއި އެ މީހުންގެ ހިޔާލު ސަރުކާރު ހިންގުމަށް ހޯދުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ބުނީ އުމުރުން ދުވަސްވީ ފަރާތްތަކަކީ ވެސް ގައުމުގެ މުހިންމު ބައެއްގެ ގޮތުގައި މި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އެ ބައްދަލުވުމުގައި ވީހާ ވެސް ގިނަ ދޮށީ އުމުރުގެ ފަރާތްތަކުން ބައިވެރިވުމަށް ރައީސް އޮފީހުން އެދެ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން އެކި ފަހަރުމަތިން ރަށްރަށަށް ވަޑައިގެން އާންމުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް މިއީ ވަކި އުމުރުފުރާއަކަށް ހާއްސަކޮށްގެން ރައީސް ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ރައީސް ދޮށީ އުމުރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާއިރު 18 އަހަރުވާ ކޮންމެ ކުއްޖަކަށް ރައީސް އަންނަނީ ސިޓީއެއް ފޮނުއްވަމުންނެވެ. މި ސަރުކާރުން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 5،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ދުވަސްވީ މީހުންނަށް އާސަންދައިން ބޭސް ކުރެވޭނެ ފަސޭހަ ނިޒާމަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމުގައި ދުވަސްވީ މީހުންނަށް އިސްކަން ދޭނެ އުސޫލެއް ވަނީ ހަމަޖައްސައިފަ އެވެ.