ހުޅުމާލެ ގަބުރުސްތާން ސަރަހައްދުގައި އަޅަން ފަށާފައިވާ މިސްކިތް ރޯދަމަސް އައުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.
ގާތްގަނޑަކަށް 400އެއްހާ މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް ދެބުރިއަށް އަޅަން ނިންމާފައިވާ އެ މިސްކިތް އަޅަން ފަށާފައިވަނީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. އެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އިއުލާންކުރީ މިދިޔަ އަހަރުއެވެ.
އެޗްޑީސީން ބުނީ މިސްކިތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ފެށޭ ރޯދަމަސް އައުމުގެ ކުރިން މިސްކިތް ނިންމާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ހުޅުމާލޭގެ ގަބުރުސްތާނާއި އިންވެގެން އަޅާ އެ މިސްކިތާއި ބެހޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސައިމަން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ރަށުގައި ޖާގަ ތަނަވަސް ގަބުރުސްތާނެއް އޮތުމާއެކު މީހުން ވަޅުލުމުގެ ހުރިހާ ކަމެއް ކުރެވޭނެ މިސްކިތެއް ހުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ހުޅުމާލޭގެ މިސްކިތް އަޅަނީ އެޗްޑީސީ އިންނެވެ. ހަ ކޮޓަރީގެ ހިނަވާ ގެއެއް ވެސް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެ މިސްކިތަށް ކަނޑައެޅިފައިވަނީ ހަ މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ މަޝްރޫއަށް ހަތަރު މަސް ކަނޑައަޅާފައި އޮތް ނަމަވެސް އެޗްޑީސީން ވަނީ އެ އިމާރާތާ ގުޅުވައިގެން އަޅަން ނިންމި ހިނަވާގޭގެ މަސައްކަތް މާކުރިން ނިންމާލާފަ އެވެ.