ދެހާސް ވިހިވަނަ ވަނަ އަހަރު ދުބާއީގައި ބާއްވާ "އެކްސްޕޯ 2020 ދުބާއީ" ގައި ރާއްޖެއިން ބައިވެރިވުމުގެ ދައުވަތު، ޔޫއޭއީ ގެ ނައިބު ރައީސާއި ބޮޑުވަޒީރު، އަދި ދުބާއީގެ އަމީރު ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ފަރާތްޕުޅުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.
މި ދައުވަތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް-ނަޙްޔާން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޔޫއޭއީ އާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ. އަދި، މި ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޔޫއޭއީ ގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.
ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ހިންގަވާ މުހިންމު ބައެއް މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މިގޮތުން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފެއްދުމުގެ ޚާއްޞަ މަޝްރޫޢާ ބެހޭގޮތުން ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.