ހަބަރު

ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން ގާސިމް ދެއްކި ވާހަކަ ގާނޫނު އަސާސީއާ ހިލާފު، ފިޔަވަޅު އަޅާނަން: ޕީޖީ

Feb 5, 2015
1

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ ހަގީގަށް އޮޅޭ ގޮތަށް ވާހަކަ ދައްކާފައި ވާތީ އެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާ މެދު ފިޔަވަޅު އަޅާނެ ކަަމަށް ޕީޖީ، މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ގެންދިޔުމަށް ގާސިމް މިރޭ ސަރުކާރަށް ގޮވާލާފައި ވާތީ އެކަމާ ގުޅޭ ގޮތުން ޕީޖީ މީޑިއާގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އެމަނިކުފާނު މަގާމެއްގައި ހުންނަވައިގެން ކުރެއްވި ކުށަކަށް ގާނޫނީ ގޮތުން އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުން ގަބޫލު ނުކުރެވޭ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. އެ މައްސަލަ ސީރިއަސްކޮށް ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނަޝީދު އިސްތިއުފާދެއްވުމާ އެކު ކުށުގެ އަދަބު ލިބުނީ ކަމަށް ނިންމުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން. އަދި އިސްތިއުފާ ދެއްވުމަކުން ގާނޫނު އަސާސީއާ ހިލާފަށް ކުރިކަމަކަށް އެ އަދަބު ދެވުނީއެއް ނޫން. އެހެން ވީމާ އެ ވާހަކަ އަކީ ސިޔާސީ ވިސްނުމެއްގައި ދެއްކެވި ވާހަކައެއް. އެކަން އަޅުގަނޑު މާދަމާ ބަލައި އެޅެން އޮތް ފިޔަވަޅު ތަކަކީ ކޮބައިކަން ނިންމާނަން،" ޕީޖީ ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކޮށްފައިވާތީ އެވެ. އެ މައްސަލައާ ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ހައި ކޯޓުގައި އަލުން ވަނީ ފަށައިފަ އެވެ.

ގާސިމް މިރޭ ވިދާޅުވެފައި ވަނީ ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާތީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ އުފުލަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ ތެރެއަށް ވަނުމަށާއި ނޫނީ އިސްތިއުފާ ދެއްވުމަށް ރައްޔިތުން ގޮވާލަމުން ދަނިކޮށް ނަޝީދު އިސްތިއުފާ ދެއްވާފައިވާތީ ނަޝީދުގެ މައްޗަށް އެ މައްސަލައިގައި ދައުވާ އުފުލުމުގެ "ލެޖިޓިމަސީ" އެއް ނެތް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން އެކަމާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓްގައި ވެސް ބުެނަފއި ވަނީ އެ މައްސަލައިގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށެވެ.