ބޭރު ކުޅިވަރު

އިންގްލޭންޑް – ވޭލްސް މެޗު ބަލަން ބޭނުންވާ އެންމެނަށް ޖާގައެއްނެތް. މޭޔަރު ހުރީ ބިރުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ވިލާތާއި ވޭލްސް މިރޭ ކުޅޭ މެޗު ބަލަން ބޭނުންވާ އެންމެނަށް ފްރާންސްގެ ލެންސުން ޖާގަ ނެތް ކަމަށް އެ ސިޓީގެ މޭޔަރު ބުނެފި އެވެ.

އާބާދީގައި 32000 މީހުން ދިރިއުޅޭ ސިޓީގެ މޭޔަރު ސިލްވިއަން ރޮބަޓް ބުނީ މި މެޗަށް ގާތްގަނޑަކަށް ލައްކައެއްހާ މީހުން އެސިޓީ އަށް އަންނާނެ ކަމަށް ބެލެވިފައިވާ ކަމަށާއި މިކަމާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. ލެންސްގައި މެޗު ކުޅޭ ދަނޑަށް ކުޅިބަލަން ވަދެވޭނީ ވެސް 35000 މީހުންނަށެވެ.

"ކިހިނެތް އެއްލައްކަ މީހުންނަށް އަހަރުމެން މި ސިޓީން ޖާގަ ހަދާނީ. އަހަރުމެން އުއްމީދު މިކުރަނީ މިއަދަދަށް މީހުން އަންނާނެ ކަމަށް ލަފާކުރެވިފައިވީ ނަމަވެސް އެއެންމެން ނާންނާނެ ކަމަށް،" މޭޔަރު ބުންޏެވެ.

އޭނާ ބުނީ ޔޫރޯ ފަދަ ބޮޑު މުބާރާތަކަށް އެކަށީގެންވާ ޖާގަ އެ ސިޓީގައި ނެތި މީހުން ފުރި ބާރުވެއްޖެނަމަ ލެންސަށް ހުތުރުނަމެއް ލިބިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެސިޓީ އަށް މެޗު ބަލަން އަންނަ މީހުންނަށް މެޗު ބެލޭނެ އެކަށީގެންވާ ފޭންޒޯނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރުމެން ޖެހިލުންވޭ މިހާ ގިނަ އަދަދެއްގެ ބަޔަކު ޓިކެޓްނެތި މެޗު ބަލަން އަންނާތީވެ. މިކަހަލަ މުބާރާތެއްގައި މިއީ ވަރަށް ބޮޑު މައްސަލައަކަށްވާނެ. ފޭން ޒޯނު ވެސް ވަރަށް ކުޑަ. މިފަދަ ބޮޑު މުބާރާތަކަށް ބޮޑު ތަނެއްބޭނުންވާނެ. މިހާރު ހުރި ފޭންޒޯނު ކުޑަވީމަ އެތަނުގައި މިއެންމެނަށް ބޭނުންވާ ވަރަށް ވަސީލަތްތައް ވެސްނެތް. އަހަރެން ޔަގީނުން ވެސް މެޗު ބަލަން އެތަނަށް ނުދާނަން،" މޭޔަރު ބުންޏެވެ.

އޭނާ ބުނީ މި ވާހަކަ ދައްކަނީ މަދު ބަޔަކު މެޗު ބަލަން އަންނަން ބާރު އެޅުމުގެ ގޮތުން ނޫން ކަމަށާއި މަދު ބަޔަކު އަޔަސް އެމީހުންނަށް ބޭނުންވާ ވަސީލަތައް ފޯރުކޮށްނުދެވިދާނެތީވެ ޖެހިލުންވަނީ ކަމަށެވެ.

މި މައްސަލާގައި ޔޫއޭފާއިން ބުނެފައިބަނީ މުބާރާތުގެ ލޯކަލް އޮގަނައިޒިން ކޮމިޓީއާ މަޝްވަރާކޮށްގެން އެކަށީގެންވާ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަން އެ ޖަމާއަތުން މަސައްކަތް ކުރާނެ ކަމަށެވެ.