ހޮލީވުޑް

ގެވެށި އަނިޔާއާ ދެކޮޅު އެކްޓިވިސްޓުން ބުނަނީ "ފިފްޓީ ޝޭޑްސް" ބަލައިގެން ނުވާނެ ކަމަށް

އިނގިރޭސި ވާހަކަ ލިޔުންތެރިޔާ އީ.އެލް ޖޭމްސްގެ "ފިފްޓީ ޝޭޑްސް" ސިލްސިލާގެ ފޮތްތައް ބާޒާރަށް ނުކުތުމުން ވެސް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އޭގެ ފެންވަރު ދަށް ލިޔުންތެރިކަމަށާއި ސިފަކޮށްދީފައިވާ ޖިންސީ އަދި އަނިޔާވެރި މަންޒަރުތަކަށެވެ.

މި ވާހަކަ ސިލްސިލާގެ ފުރަތަމަ ފޮތަށް ފިލްމު ހަދައި، "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ސިނަމާތަކަށް ނެރެން ތައްޔާރުވަމުން އަންނައިރު ފާޑުކިޔުންތެރިން ވަނީ އަނެއްކާވެސް ފިލްމާ ދެކޮޅަށް ނުކުމެފަ އެވެ. އެގޮތުން މިފަހަރު އެންމެ ކުރީގައި ތިބީ ޕޯނޯގްރެފީއާ ދެކޮޅު އެކްޓިވިސްޓުންނާއި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކެވެ.

އެމީހުން ބުނަނީ މި ފިލްމަކީ، ގެވެށި އަނިޔާ އަދި އެބިއުސިވް ރިލޭޝަންޝިޕަށް ހިތްވަރުދޭ ފަދަ ގޮތަކަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މިހެން ބުނެ "50ޑޮލާސް ނޮޓް ފިފްޓީ ޝޭޑްސް" ގެ ނަމުގައި އެމެރިކާ އާއި ކެނެޑާގެ ޖަމިއްޔާތަކެއް ވަނީ މިހާރު ވެސް މުޒާހަރާތަކަށް ނުކުމެފަ އެވެ.

ސްޓޮޕް ޕޯން ކަލްޗާ އާއި އެބިއުސްޑް ވުމަން ސެންޓާ އަދި ނެޝެނަލް ސެންޓާ އޮން ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން އިން އޮންލައިންކޮށް ޖައްސާފައިވާ މި ކެމްޕޭނުގައި ބުނަނީ ފިލްމު ބަލަން ހޭދަކުރާ ފައިސާ، ފިލްމުގައި ތަމްސީލުކޮށްދޭ ފަދަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުން ސަލާމަތްކުރުމަށް ޗެރިޓީއަކަށް ހޭދަކުރުން މާ ބުއްދިވެރިވާނެ ކަމަށެވެ.

"ހޮލީވުޑަށް ތިޔަ ފައިސާއެއް ބޭނުމެއް ނުވޭ. އެކަމަކު ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނަށް އެހީ ބޭނުންވޭ،" ކެމްޕޭނުގައި ބުނެފައިވެ އެވެ.

"ފިފްޓީ ޝޭޑްސް އޮފް ގްރޭއި" އަކީ އިރޯޓިކް ތްރިލާ އެކެވެ. މި ފިލްމަކީ ޒުވާން އަންހެނަކާއި މުއްސަނދި ފިރިހެނަކާ ދެމެދު ހިނގާ ލޯބީގެ ވަރުގަދަ ކުޅިގަނޑެއް އޭގެ އެންމެ ފުން އަސަރުތަކާ އެކު ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ޑަކޯޓާ ޖޯންސަން އާއި ޖޭއިމީ ޑޯނަން އެވެ. މި ފިލްމު އަންނަ ހަފުތާގައި ޕްރިމިއާކުރުމަށް ފަހު ރަސްމީ ޝޯތައް ފެށުމަކަށް ހަމަޖެހިފައި ވަނީ 13ގަ އެވެ.