ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ދައުރު ދެބައިވުން ފާހަގަ ކުރަން ކުޅިވަރު ފެސްޓިވަލެއް

  • ފެސްޓިވަލް އޮންނާނީ ސްޓޭޑިއަމްގައި
  • ގިނަ ކުޅިވަރުތަކާއި ބޮޑެތި އިނާމްތައް
  • މޯޑިވިއަން އައިޑޮލްގެ ބައެއް ތަރިންގެ ޝޯއެއް

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ދެބައިވުމާ ގުޅިގެން "ފަހި ނުވައެއް ތޭރަ" އިގެ ނަމުގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ. މި ފެސްޓިވަލް އޮންނަނީ ރައީސްގެ ވެރިކަމަށް 913 ދުވަސް ފުރޭ، މި މަހުގެ 17 ވަނަ ދުވަހު އެވެ.

މި ފެސްޓިވަލާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "ފަހި ނުވެއެއް ތޭރަ" ކުޅިވަރު ފެސްޓިވަލަކީ ރައީސް ޔާމީން ރިޔާސީ ދައުރުގައި މިތާނަށް ހޯދައްވާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ. އަދި މި ފެސްޓިވަލަކީ ދެ ޖިންސްގެ ކުދި ބޮޑު މީހުން އެއް ތަނެއްގައި އެ އުފާ ފާޅުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

"ފެސްޓިވަލްގެ މަގުސަދަކީ ދައުރު މެދާ ހަމައަށް އައިއިރުގާ ރައީސް ޔާމީންގެ ސަރުކާރުން ހޯދި ކާމިޔާބީ ފާހަގަކުރުން. ހުރިހާ އުމުރުފުރައެއްގެ މީހުންނާއެކު އެއް ތަނެއްގައި، އެއް މާހައުލެއްގައި، ދުޅަހެޔޮ ސިއްހަތާއެކީގަ އަދި ހިތްފަސޭހަ ވަގުތު ހޭދަކޮށްލުން އެއް ތަނެއްގައި،" މުއާޒް ވިދާޅުވި އެވެ.

ފެސްޓިވަލް ބާއްވަނީ މި މަހުގެ 17 ވަނަ ދުވަހު މާފަންނު ސްޓޭޑިއަމްގަ އެވެ. އެ ދުވަހު ހަވީރު 4:00 ޖަހާއިރު ފަށާ މި ފެސްޓިވަލްގައި ތަފާތު ގިނަ ކުޅިވަރު މުބާރާތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތަކާއި ބައިބަލާ މުބާރާތެއް ބާއްވާނެ އެވެ. އަދި އަންހެނުންނަށް ހާއްސަކޮށް ބާސްކެޓްބޯޅަ މުބާރާތަކާއި ބަށި މުބާރާތަކާއި ހޭންޑް ބޯލް މުބާރާތެއް ވެސް ބާއްވާނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ގޭމްސްތަކެއް ފެސްޓިވަލްގައި ހިމަނާފައިވާއިރު ކުޑަކުދިންގެ ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ އެވެ.

މި ފެސްޓިވަލް އިންތިޒާމްކުރުމުގައި އިސްވެ ހުންނެވި ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހީމްގެ އެދި ވަޑައިގަތުމަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބައިވެރިވެވޭނެ ގޭމްސްތަކެއް ވެސް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ޒުންބާ ވެސް ފެސްޓިވަލްގައި ކުރިއަށްދާނެ އެވެ.

މި ފެސްޓިވަލްގައި ހާއްސަ ސްޓޯލްތަކެއް ވެސް ގާއިމުކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ސްޓޯލްތަކުން ކޫޕަން ދޫކުރާއިރު ނަސީބުވެރިން ހޮވައި، އިނާމްތައް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެއިތުރަށް އެ ރޭ މޯލްޑިވިއަން އައިޑޮލްގެ ބައެއް ބައިވެރިންނާއެކު ހާއްސަ ޝޯއެއް ވެސް ބާއްވާނެ އެވެ.

ފުޓްސަލް މުބާރާތްތައް 16 ވަނަ ދުވަހު ފެށި ނަމަވެސް ފެސްޓިވަލް ރަސްމީކޮށް ހުޅުވާނީ 17 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ. ހުޅުވައިދެއްވާނީ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ. ހަވީރު 4 ން 6 އެއް ޖަހަންދެން ފެސްޓިވަލް ކުރިއަށްދާނެ އެވެ. އަދި ރޭގަނޑު 8:00 އިން 10:30 ށް ފެސްޓިވަލްގެ ކުޅިވަރުތައް ކުރިއަށްދާނެ އެވެ. މުބާރާތްތަކުގެ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އިނާމް ދިނުމަށް 10:45 ގައި ރަސްމިއްޔާތެއް މާފަންނު ސްޓޭޑިއަމުގައި ބާއްވާނެ އެވެ.

މުއާޒް ވިދާޅުވީ، މި ފެސްޓިވަލަކީ ޕީޕީއެމް ރަމްޒުކޮށްދޭ ފެސްޓިވަލެއް ނޫން ކަމަށެވެ. ފެސްޓިވަލަކީ ގައުމީ ކަމެއް ކަމަށާއި ރަތް، ފެހި އަދި ހުދު ކުލައިގެ އިތުރުން އެހެން ކުލައެއް ފެނިގެން ނުދާނެ ކަމަށެވެ. ފެސްޓިވަލް ބާއްވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"މިކަމަކީ ޕާޓީ ރަމްޒްކޮށްގެން އެގޮތަށް ކުރެވޭ ކަމެއް ނޫން، އަޅުގަނޑުމެން މީގަ ބޮޑަށް ބޭނުންވަނީ ދިވެހި ހުރިހާ ރައްޔިތުން ވެސް ހުރިހާ ފިކުރެއްގެ ރައްޔިތުން ވެސް މިކަމުގައި ބައިވެރިވުން، ފެއްސާއި ރަތާއި ހުދު މިއީ އަޅުގަނޑުމެންގެ ތީމަކީ ވެސް، އެ ނޫން ކުލައެއް އެތަނުން ނުފެންނާނު، މިއީ ގައުމީ ކަމެއްކަމުގައި ދެކިގެން ހާއްސަކޮށް ފަސްޓް ލޭޑީ މެޑަމް ފާތުން އިސްކަމެއް ދެއްވާ މިކަމަށް، މިއީ ސިޔާސީ ކަމަކަށް ނުހަދާ އެންމެންގެ ރައީސްގެ ވާހަކަ މި ދައްކަނީ، ގައުމީ ކަމެއްކަމުގައި ދެކިގެން އެންމެންވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރަން،" މުއާޒް ވިދާޅުވި އެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމަށް އާންމުކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ޓީމްތައް މުބާރާތްތަކުގައި ބައިވެރިވެފައިވަނީ އެސޯސިއޭޝަންތައް މެދުވެރިކޮށެވެ.