ރައީސް އަބްދުﷲ ޔާމީން

ރާއްޖެ ބަދުނާމުކޮށްގެން އެމްޑީޕީއަށް ދެވޭނީ ވެރިކަމާ ދުރަށް: ރައީސް

ދިވެހި ރާއްޖެ ބަދުނާމުވާ ގޮތަށް ވާހަކަ ދައްކައިގެން އިދިކޮޅު ފަރާތްތަކަށް ދެވެނީ ވެރިކަމާއި ދުރަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލ. ގަމު ނަރުދަމާގެ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ހެޔޮއެދޭ ކަމަށްވާ ނަމަ ވާހަކަ ދައްކަން ޖެހޭނީ ރާއްޖެއަށް އެހީ ލިބޭ ފަދަ ވާހަކަތައް ކަމަށެވެ. ރާއްޖޭގެ ފަތިފުށް އޮތް ގޮތް ނޫން އެހެން ގޮތަކަށް ކިޔައިދިނުމަކީ ރާއްޖެއަށް ލިބޭ އެހީ އިތުރުވެގެންދާނެ ކަމެއް ނޫން ކަމަށެވެ. އެހީ އާއި ލޯނު ދޭ ފަރާތްތައް ރާއްޖޭގައި ހަމަޖެހުން ނެތް ކަމަށް ގަބޫލުކުރާ ނަމަ ރާއްޖެއަށް އެހީ އަދި ލޯން ދިނުމުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.

މި ސަރުކާރު ފެށިގެން އައި އިރު ވަރަށް ފަސޭހައިން ބޭރުގެ އެހީތައް ލިބުނު ކަމަށާއި މިހާރު ދަތިތަކެއް އުޅޭނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތްތަކެއްވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުންވެސް ބޭރުގެ ފަރާތްތަކުގައި ބިނާކުރުވަނިވި ގޮތެއްގައި ރާއްޖެއަށް އެހީ ހޯދައިގެން ކަންތައްތަކެއް ކޮށްދޭ ކަމުގައިވަންޏާ ދިވެހިންގެ ލޯބި އެފަރާތްތަކަށް އިތުރުވެގެންދާނެ. އެހެން ކަމަށް ވަންޏާ އަނެއްކާވެސް އެމީހުންނަށް ވެރިކަމަށް އަންނަން މިއޮތް މަގު ތަންކޮޅެއް ކުރުވާނެ. ވެރިކަމަށް އަންނަން މަގު ކޮށިގެން އެދަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ވެރިކަމުގައި ތިބެގެންވެސް މަސައްކަތްކުރީ ދިވެހިންގެ އިޖުތިމާއީ ފޭރާން ވީދާ ކުދިކުދި ކުރުމަށް ކަމަށެވެ. އަދި އުމްރާނީ ތަރައްގީއަށް ގެއްލުންވެފައިވާ އިރުވެސް ލިބުނު ފުރުސަތުގައި މަސައްކަތްކުރީ އިތުރަށް ހަލާކުކުރަން ކަމަށެވެ. އަދި މިފަދަ ކަންތައްތަކަށާއި ދައްކާ ވާހަކަތަކަށް ރައްޔިތުން ވިސްނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ބިމަށް އިހާނާތްތެރިވެގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އެއް ދުވަހު ވެރިކަމުގައި ތިބެފައި އަނެއް ދުވަހު ވެރިކަމުން ފޭބި ނަމަވެސް މި ބިމަކީ ހުރިހާ ދިވެހިންގެ ހައްގުތައް ހިމެނޭ ބިމެއް ކަމަށެވެ.

ރާއްޖެއާ ބެހޭގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ތަރައްގީއަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ހުރަސް އެޅޭ ކަމަށާއި އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާ ވަޒީރުންގެ އެތައް ވަގުތުތަކެއް ބޭކާރުވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރައްދުވާ ވާހަކަތަކަށް ރައްދު ދީފައި، އެވާހަކަތާއި އެއްގޮތަށް ނޫންކަން ކަންތައް އޮތީ އެބަޖެހޭ އޮޅުންފިލުވައިދޭން. އެކަމަށް އެތައް ވަގުތެއް ހޭދަވެގެންދޭ،" ރައީސް ވިދާޅުވި އެވެ.