ރައީސް އަބްދުﷲ ޔާމީން

ފަސާދަ ވަނީ ހަމައެކަނި ދައުލަތުގެ ފައިސާގައި ޖެހިގެނެއް ނޫން: ރައީސް

ތަނެއް ފަސާދަ ވަނީ އެތަނެއްގައި ބަސް ކިޔަން ތިބޭ މީހުންގެ ސިކުނޑި ހަރާބުވެގެން ކަމަށާއި ހަމައެކަނި ދައުލަތުގެ ފައިސާގައި ޖެހިގެން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ލ. ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދޫއަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަނެއް ފަސާދަވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެތަނެއްގައި ބަސް ބުނަން ތިބޭ މީހުން ކަމަށާއި އެމީހުންގެ ސިކުނޑި ހަރާބުވެއްޖެނަމަ ތަން ފަސާދަވެގެންދާނެ ކަމަށެވެ.

"ތަނެއް ފަސާދަވަނީ ހަމައެކަނި ދައުލަތަށް ވަންނަ ފައިސާގައި ޖެހިގެނެއް ނޫން، ތަނެއް ފަސާދަ ވަނީ އެބަޔެއްގެ ތެރޭގައި ބަސް ބުނަން ތިބޭ މީހުންގެ ސިކުނޑި ހަރާބުވީމަ، ހަރާބުވާ ހިސާބުން މީހުންގެ ތެރޭގައި އަބަދުވެސް ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަނީ، އޭރަށް އެ އޮތީ އެ ތަން ފަސާދަވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އާއި ގާނޫނު ތަންފީޒުކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭނަމަ ތަން ފަސާދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ގައުމުގެ ދިފާއުގައި ފަސާދަ އުފައްދަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ނިކުންނަން ޖެހެނީ ހަމައެކަނި ސަރުކާރުގައި ތިބި މީހުން އެކަނި ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ގާބިލު މީހުން އެބަތިބި، ހޭލުންތެރި ކިތަންމެ ބަޔަކު އެބަތިބި، ވިސްނާ ކިތަންމެ ބަޔަކު އެބަތިބި، އެކިއެކި ޓީވީ ޕްރޮގްރާމްތަކުގައި ތިބޭފުޅުންގެ ޝުއޫރު ތި ބޭފުޅުންނަށް ފާޅުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔާ ކަމަށްވާނަމަ ސަރުކާރުގައި އެކަންކަންކުރާ މީހުންނާ އެއް މޭޒެއްގައި ތިބެގެން ރައްޔިތުންގެ ކުރިމަތީ ބަހުސް ކުރީމާ ކަމުގެ ދެކޮޅު ފެންނާނެ ކަމަށެވެ. ފިލައި ތިބެގެން ދައްކާ ވާހަކަތަކަށް ސަރުކާރަށް ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ.

"ފިލައި ތިބެގެން ދައްކާ ވާހަކަތަކަށް ސަރުކާރުން ޖަވާބުދާރީވުމަކީ ފަސޭހަކަމެއް ނޫން، އެހެންވީމަ އެއް މޭޒެއް ކައިރިއަށް އައިސް ވާހަކަ ދައްކަންވީ، މިހާރު މި އޮތީ އެ ފުރުސަތު ހުޅުވާލެވައި، އެއް މޭޒެއް ކައިރިއަށް އަންނަން ދެކޮޅު ހަދާ ސަބަބު ތިބޭފުޅުން ސުވާލުކޮށްލައްވާ،" ރައީސް ވިދާޅުވި އެވެ.

މިއަށްވުރެ ކުޑަ ދުވަސްކޮޅެއް ތެރޭގައި މިއަށްވުރެ ބޮޑު ތަރައްގީއެއް ގެނެވޭނެ ގޮތެއް އޮތްނަމަ އެކަމެއް ވެސް ސަރުކާރާ ހިއްސާކުރައްވަން ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފަ އެވެ. އަދި ކުށްވެރިންގެ ތެރެއިން ވަކި ބަޔަކު މައުސޫމްވާން ޖެހޭ ކަަމަށް ގަބޫލުކުރާނަމަ އެކަން ވެސް ހުށަހެޅުއްވުމަށް ރައީސް ވިދާޅުވި އެވެ. މީހުން ވަގަށް ނެގުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށް ކަނޑައަޅަން ބޭނުންނަމަ އެކަން ވެސް ހުށަހެޅުމަށް އެދިލެއްވި އެވެ.

"އަޅުގަނޑު ސަރުކާރު މިހިނގަނީ މަޝްވަރާގެ މަތިން، އެހެންވީމަ އެކަންކަން ހުށަހެޅީމަ އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނީ،" ރައީސް ވިދާޅުވި އެވެ.