ހަބަރު

ނަޝީދުގެ މައްސަލަ އަވަސްކޮށްދޭން ރައީސް ސުޕްރީމް ކޯޓުގައި ދަންނަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި ވީ އެންމެ އަވަހަކަށް ގޮތެއް ނިންމަވައި ދިނުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އަވަސްކޮށްދިނުމަށް އިލްތިމާސްކުރައްވަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވީ، ލ. ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދޫއަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެގޮތަށް އިލްތިމާސްކުރެއްވުމަކީ ގާނޫން އެމަނިކުފާނަށް އެކަން މަތިކޮށްފައިވާތީ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވެސް ނުފެށިފައިވާ އެއް ސަބަބަކީ ރައީސް ނަޝީދުގެ މައްސަލަ ކަމަށާއި އދ. ގެ މަންދޫބުން ވެސް ވަނީ އެ މައްސަލަ އަވަސްކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދެއްވުމަށް އެދިލައްވާފައި ކަމަށެވެ. ނަމަވެސް އެގޮތަށް އިލްތިމާސްނުކުރެއްވި ނަމަވެސް އެކަމަކީ ނިޒާމްގެ ތެރެއިން ހިނގަން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މިކުރެވޭ މަޝްވަރާތަކުގައި ވެސް ޔޫއެންގެ މަންދޫބާއެކު ކުރެވުނު މަޝްވަރާތަކުގައި ވެސް މިހާރު އެންމެ ބޮޑަށް އައިސްފައިވާ މައްސަލައަކީ ސަރުކާރުން މަސައްކަތްކޮށްދެއްވާށޭ ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްގެން ރައީސް ނަޝީދާއި އަދި އެހެން ވެސް ކުށްވެރިވެފައި ތިބި ސިޔާސީ ބޭފުޅުންގެ މައްސަލަތައް އަވަސްކޮށްދިނުމަށް، މިއީ އަޅުގަނޑު ކުރާނެ އިލްތިމާސްއެއް، އެހެން ނަމަވެސް އަޅުގަނޑު މި އިލްތިމާސްނުކުރި ނަމަވެސް މިއީ ނިޒާމްގެ ތެރެއިން ހިނގަން ޖެހޭނެ ކަންކަން، އެއީ ޖުޑިޝަރީގެ މައްޗަށް ވެސް އޮތް ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އަދުލު އިންސާފު ދާއިރާގައި ހިނގާ ކަންކަމަށް ބަސް ބުނަން ބޭނުންވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަދުލް އިންސާފުގެ ދާއިރާގައި މައްސަލަތައް ނުނިމި ލަސްވާ ކަމަށްވާނަމަ އެ މައްސަލަތައް އަވަސްކޮށްދިނުމަށް އެދުމަކީ ގާނޫނުން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެނބުރި މާލެ ގޮސްފައި، ވަރަށް ފަހުން އަޅުގަނޑަށް މި އިލްތިމާސް މި އައީ، އަޅުގަނޑު އެނބުރި ގޮއްސަ އަޅުގަނޑު ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާނަން ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކޮންމެ ވެސް އެއްގޮތަކަށް އަވަހަށް ނިންމައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.