ރާއްޖެ ކުޅިވަރު

ވޯލްޑް ކަޕު ކާމިޔާބު ކުރަން އިޓަލީން ކޯޗަކަށް ބޭނުންވަނީ ރަނިއޭރީ

ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އިޓަލީގެ ގައުމީ ޓީމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ގެނައުމަށް ޝައުގުވެރިވާކަން އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއުލާނުކޮށްފި އެވެ.

އެފްއޭގެ ރައީސް ކާލޯ ޓަވެޗީއޯ މިހެން ބުނީ ނިމިގެންމިދާ ސީޒަނުގައި އިޓަލީގެ ކޯޗުންގެ ތެރެއިން އެންމެ މޮޅު ކޯޗަކަށް ރަނިއޭރީ ހޮވިފައިވާތީ އޭނަ އަށް އެވޯޑް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

"އަހަރެން އުއްމީދު ކުރަން ރަނިއޭރީ އިޓަލީއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް. އެއީ އެންމެ ރަނގަޅުގޮތް،" ޓަވެޗީއޯ ބުންޏެވެ.

އޭނާ މިހެން ބުނި ނަމަވެސް އާދައިގެ ޓީމެއް ކަމަށްވާ ލެސްޓާސިޓީއާއެކު އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށްފަހު އަންނަ ސިޒަނުގައި އެތަށި ދިފާއުކުރަން އެކުލަބުގައި މަޑުކުރާނެކަން މިހާތަނަށް ރަނިއޭރީ ވަނީ ބުނެފަ އެވެ.

ޓަވެޗީއޯ ބުނީ ގައުމީ ޓީމަށް ރަނިއޭރީ ގެނައުމަށް އިޓަލީން ޝައުގުވެރިވީ ނަމަވެސް އެކަން ނިންމާނީ ރަނިއޭރީ ކަމަށެވެ.

"އަހަރެން ވާހަކަ މިދައްކަނީ ވަރަށް ތިއަރިޓިކަލް ގޮތަކަށް. އެކަމަކު ޔަގީން ކަމެއް މިއީ. ވޯލްޑް ކަޕާ މެދު ނުވިސްނިޔަސް ރަނިއޭރީ އަދިވެސް ޒުވާން ކޯޗެއް. އޭނާ އަށް އަދިވެސް ވަގުތު އެބައޮތް. އަހަރުމެން އިޓަލީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި ގައުމީ ޓީމަށް ރަނިއޭރީ ގެންނަން ވިސްނި ނަމަވެސް އެކަން އޮންނާނީ އޭނާގެ އަތްމަތީގައި. ނިންމާނީ އޭނާ،" ޓަވެޗީއޯ ބުންޏެވެ.

މިވާހަކަތަކާމެދު ރަނިއޭރީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މިހާރުގެ ގައުމީ ކޯޗު ކޮންޓޭ ކުރިއަށް އޮތް ޔޫރޯ އަށް ފަހު ހަވާލުވާނީ ރަނިއޭރީގެ ކުރީގެ ކުލަބު ޗެލްސީއާ އެވެ.