ބޭރު ކުޅިވަރު

އައިސްލޭންޑް ޓީމުގައި ގުޑްޔޯންސަން ހިމަނައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތަށް އައިސްލޭންޑުން އެކުލަވާލި ޓީމުގައި 37 އަހަރުގެ ފޯވަޑް އެއިޑޫރު ގުޑްޔޯންސަން ހިމަނައިފި އެވެ.

ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ބޯލްޓަން އާއި ސްޓޯކް އަދި ފުލަމް އަށް ކުޅުނު ފޯވަޑް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކުޅެމުންދަނީ ނޯވޭގެ ކުލަބެއް ކަމަށްވާ މޯލޭޑޭ އަށެވެ. އޭނާ އެކުލަބަށް ބަދަލުވި މައިގަނޑު ސަބަބަކީ ވެސް އައިސްލޭންޑް ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ގައުމީ ޓީމުން ޖާގަ ހޯދުމެވެ.

ޗެލްސީގައި އިނގިރޭސި ޕްރެމިއާ ލީގު ދެ ފަހަރު ކާމިޔާބު ކުރި ކުޅުންތެރިޔާ މިދިޔަ ނޮވެމްބަރު ޗައިނާ ލީގުގައި ކުޅުން ހުއްޓާލީ އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބޭލެއް މަދުވުމުންނެވެ.

އައިސްލޭންޑްގެ ޓީމުގެ އެއް ކޯޗު ލާންސް ލެޖެބެކް ބުނީ "ގުޑްޔޯންސަން ގަވައިދުން ކުޅެމުން ނުދިޔަނަމަ ޓީމުން ފުރުސަތު ނުލިބޭނެ،" ކަމަށެވެ.

އައިސްލޭންޑްގެ ގައުމީ ޓީމަށް މިހާތަނަށް 81 މެޗު ކުޅެދީފައިވާ ގުޑްޔޯންސަން އަކީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުޅުމުގެ ހަޔާތުގައި ވަނީ ބާސެލޯނާގައި ސްޕެނިޝް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

އުމުރުން ދުވަސްވެފައިވުމާއެކު ގުޑްޔޯންސަން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިނުވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ނަމަވެސް އަލުން އޭނާ ކުޅެން ފެށީ މިދިޔަ އަހަރުގެ މޭމަ މަހުގަ އެވެ. އަދި ޔޫރޯ ކޮލިފައިންގެ 10 މެޗެއްގައި ކުޅެ އެއް ގޯލު ޖަހާފައިވެ އެވެ.

އައިސްލޭންޑް ޓީމުގެ ކޯޗު ހާމިރު ހަލްގްރިމްސަން ބުނީ މޯލްޑޭ އަށް ބަދަލުވެ ގުޑްޔޯންސަން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށާއި އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ދިނީ އެހެންވެ ކަމަށެވެ.