ވިޔަފާރި

މޮބައިލް މަނީގެ ހިދުމަތް ދޭން އުރީދޫއިން އެސްޓީއޯއާއެކު ސޮއިކޮށްފި

May 10, 2016

އުރީދޫއިން މޮބައިލް މަނީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެސްޓީއޯއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ބޭސް ފިހާރަތަކުން މޮބައިލް މަނީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެސްޓީއޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށެވެ.

"އެސްޓީއޯގެ ބައިވެރިވުމާއެކު އުރީދޫން މޮބައިލް މަނީގެ ހުރިހާ ހިދުމަތްތަކެއް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ރައްޔިތުން ގުޅާލުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ވިކްރަމް ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯގެ އައުޓްލެޓްތަކުގައި މޮބައިލް މަނީ ތައާރަފު ކުރުމަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށެވެ.

އުރީދޫން ވަނީ މޮބައިލް މަނީ ރަސްމީކޮށް ލޯންޗް ކުރުމުގެ ގޮތުން ސްޓެލްކޯއާއެކުވެސް ސޮއިކޮށްފަ އެވެ. މި ހިދުމަތް ދެނީ އިސްލާމިކް ބޭންކް، ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިކޮށްގެންނެވެ. މި ހިދުމަތް ތައާރަފު ކުރަނީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުންނެވެ.