އުރީދޫ

އެސްޓީއޯ ޕީޕަލް ޗޮއިސްގައި ވިޔަފާރިކުރަން އެމް-ފައިސާ މިހާރު ބޭނުންކުރެވޭނެ

އުރީދޫ މޯލްޑިވްސް އާއި އެސްޓީއޯ ޕާޓްނަރަކަށްވެ އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ މީހުންނަށް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ.

މިބަދަލާ ގުޅިގެން އެސްޓީއޯ ޕީޕަލް ޗޮއިސް އިން ކުރާ ވިޔަފާރިތަކަށް އުރީދޫ އެޕް މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭން ކޮށްގެން ފަސޭހަކަމާއެކު މިހާރު ފައިސާ ދެއްކޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް އެމް-ފައިސާގެ ހިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ އިން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމް-ފައިސާގެ ފަސޭހަކަން ލިބިގެންދާނެ،" ހާލިދު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވީ އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން އުރީދޫއާ އެކު އެމް-ފައިސާގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަީވެސް އޭގެ އެންމެ ފުރިހަމަ މިސާލު ކަމުގައި ވިދާޅުވި އެވެެ.

"އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކަސްޓަމަރުންނަށް މި އާ ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމް-ފައިސާ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން އެސްޓީއޯގެ ހިދުމަތްތައް ލިބޭއިރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް އެސްޓީއޯގެ ފިހާރަތަކުން ހޯދެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް މިހާރު ފައިސާ ދެއްކޭއިރު ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އެސްޓީއޯގެ އެހެން ފިހާރަތަކަށް ފުޅާކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސްގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެ އެވެ.

މީގެ އިތުރުން އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓާ ކޮށްލެވޭނެ އެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފަ އެވެ.