ވިޔަފާރި

އެސްޓީއޯ މުވައްޒަފުންނަށް އުރީދޫ ބައެއް ހިދުމަތްތައް ހިލޭ ދީފި

"އެމްވީޕީއެން" ހިދުމަތް މެދުވެރިކޮށް، އެސްޓީއޯ މުވައްޒަފުންނަށް އުރީދޫގެ ގިނަ ހިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

އުރީދޫ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުވައްސަސާތަކަށް ހާއްސަކޮށްގެން ދެމުން ގެންދާ "އެމްވީޕީއެން" ހިދުމަތް އެސްޓީއޯ މުވައްޒަފުން ގުޅާލުމުގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އުރީދޫ ސީއީއޯ ވިކްރަމް ވިދާޅުވީ އެ ކުންފުނިން ދެމުންގެންދާ މޯބައިލް ޕްރައިވެޓް ވާޗުއަލް (އެމްވީޕީއެން) މެދުވެރިކޮށް ޝޯޓް ކޯޑް ބޭނުންކޮށްގެން ހިލޭ ކޯލް ކުރެވޭނެ ކަމަށެވެ.

"އެންމެ ރަނގަޅު އަގުގައި އެެހެން ބޭފުޅުންނަށް ވެސް ގުޅައި ޑޭޓާ ހިދުމަތް ބޭނުންކުރެވޭނެ. އަޅުގަނޑުމެންގެ ކޯޕަރޭޓް ކަސްޓަމަރުންގެ ތެރޭގައި މި ހިދުމަތަކީ ވަރަށް މަގުބޫލު ހިދުމަތެއް. އެސްޓީއޯއަށް އަޅުގަނޑުމެން މަރުހަބާ ކިޔާއިރު، އެ ކުންފުނީގެ މުވައްޒަފުންނަށް ހިދުމަތުގެ ފަސޭހަކަމާއި ޔަގީންކަން އަރުވަން،" ވިކްރަމް ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އުރީދޫގެ ހިދުމަތް މެދުވެރިކޮށް މިހާރުވެސް އެ ކުންފުނީގެ ބޭސް ފިހާރަތައް ގުޅާލާފައިވާ ކަމަށެވެ.

"އޮފީސް އެކްސްޓެންޝަންއަކަށް ގުޅާލާ ފަދައިން އެކުއެކުގައި އެކަކު އަނެކަކާ މުއާސަލާތް ކުރެވޭނެ. މިގޮތަށް އުރީދޫއަކީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްކާ ވިޔަފާރީގެ ބައިވެރިއެއް،" ޝަހީރު ވިދާޅުވި އެވެ.

އުރީދޫން މީގެ ކުރިން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއެކު މި ހިދުމަތް މެދުވެރިކޮށް ގުޅާލާފައިވެ އެވެ.