ހަބަރު

ކުށްތަކަށް އަރައިގަތުމަށް ކުޑަކުދިންނަށް މަޖުބޫރުކުރުވުން ހުއްޓުވަންޖެހޭ: ފުލުހުން

ޖިނާއީ ކުށްތަކަށްފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ކުޑަ ކުދިންނަށް މަޖުބޫރުކުރުވުން ހުއްޓުވަން މުޅި މުޖުތަމައު އަތުކުރި އޮޅާލަން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާ މި ދަނޑިވަޅުގައިވެސް ރާއްޖޭގައި ކުޑަކުދިން ލައްވައި ޖިނާއީ ކުށްތައް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ދެކެން ބޭނުން ނުވިނަމަވެސް ނުވަތަ އަހަން ބޭނުން ނުވިނަމަވެސް ކުށެއް ނެތް މައުސޫމް އެތައް ކުދިންނަކަށް ޖިންސީ ގޮތުން ގޯނާކޮށް ފުރައްސާރަކޮށް ޖިންސީ އަނިޔާކޮށް އެކުދިންގެ މުސްތަގުބަލް އަނދިރިކަމުގެ ތެރެއަށް ފޮނުވާލުމުގެ ނާތަހުޒީބު އަމަލުތައްވެސް މި މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.

ހަމަ އެހެންމެ ތުއްތު ކުދިންނަށް އިހުމާލުވެ އިހާނެތި އެތައް އަނިޔާއެއް ކުރެވިގެންދާތަންވެސް ދިވެހި މުޖުތަމައުން ފެންނަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"އަޅުގަނޑުމެންނީ ސައްތައިން ސައްތަ މުސްލިމުންނަށްވީހިނދު، އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވާފައިވާ މަތިވެރި މަގާމާއި ކީރިތި ރަސޫލާގެ ކިބައިން ފެނިގެންދިޔަ ކުޑަކުދިންނަށް ކަމޭ ހިއްްތެވުމުގެ ނަމޫނާގައި ހިފައި އަޅުގަނޑުމެންގެ ކުޑަކުދިންނާ ޅަދަރިންނަށް މިމުޖުތަމައުން ލިބެމުންދާ އަނިޔާތަކުންނާއި ޖިނާއީ ކުށްތަކަށް އަރައިގަތުމަށް އެކުދިންނަށް މަޖުބޫރު ކުރުވުން ހުއްޓުވުމުގައި އަތުކުރި އޮޅާލަން ވަނީ ޖެހިފައެވެ." ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ، މުޖުޖަމައުގެ ކުރިމަގު އުޖާލާކޮށް، މުޖުތަމައަށް ފައިދާހުރި ހުނަރުވެރި، ޖީލެއް އުފެއްދުމުގައި ކުޑަކުދިންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި ކުޑަކުދިންގެ ގައްގުތަކާއި އެކުދިންގެ ނަފްސު ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. ކުޑަ ކުދިންގެ ހައްގުތަކަށް ރައްކާތެރިނުވެ، ކުޑަ ކުދިންނާމެދު އިހުމާލުވާނަމަ އެ މުޖުތަމައެއްގެ މުސްތަގުބަލު ގެއްލި ހަލާކުވެދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.