ހަބަރު

ގާސިމާމެދު ފިޔަވަޅު އެޅުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން: ނަޝީދުގެ ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ދައުވާ އަނބުރާ ގެންދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވާފައިވާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) ވިދާޅުވުމަކީ ގާސިމްގެ ޚިިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ނަޝީދު ވަކީލުން ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ މުހުތާޒް މުހުސިން ވިދާޅުވުމަކީ ގާނޫނު އަސާސީން ގާސިމަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ނުހިންގުމަށް ނަޝީދުގެ ވަކީލުން ވަނީ އެ ބަޔާނުގައި ޕީޖީ އަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އެ ދައުވާ އަނބުރާ ގެންދަން ގާސިމް ގޮވާލައްވާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވެސް ވަނީ މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުމަށް ގޮވާލުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެކަން މަނާ ކުރާ ގާނޫނެއް ނޯންނާނެ ކަމަށެވެ.

ގާސިމް ރޭ ވިދާޅުވީ ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވާފައިވާތީ ނަޝީދުގެ މައްޗަށް މިހާރު ދައުވާ އުފުލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އެއަށް ރައްދު ދީ ޕީޖީ ވިދާޅުވެފައިވަނީ ގާސިމަށް އެގޮތަށް ވިދާޅު ނުވެވޭނެ ކަމަށާއި އެކަމުގައި ގާސިމާ މެދު ފިޔަވަޅު އަޅަން ފެންނަ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.