ހަބަރު

ސީރިއާ އަށް ގެންދިޔަ ދަރިފުޅަށް ފަރުވާ ނުދެވި މަރުވެ، މަންމަ ރާއްޖެ އަށް ނާދެވިފައި

Feb 5, 2015
3

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވާން އެ ގައުމަށް ދިޔަ ދިވެހި ދެމަފިރިއެއްގެ ތުއްތު ދަރިފުޅަށް އެ ގައުމުގައި ފަރުވާ ދެވޭނެ ގޮތެއް ނެތިފައި ތިއްބާ އެ ކުއްޖާ މަރުވެެއްޖެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އަހަރު ނުވާ އެ ކުއްޖާ މަރުވެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެ ކުއްޖާ އަށް ފަރުވާ ދޭން ކުއްޖާގެ މަންމަ މަސައްކަތް ކުރި ކަމުގައި ވިޔަސް، އޭނާގެ ފިރިމީހާގެ ފަރާތުން އަދި އެ ގައުމުގައި އެ މީހުންނާ ހަވާލުވި މީހުންގެ ފަރާތުން ވެސް މާބޮޑު އެހީތެރިކަމެއް ނުލިިބިގެން އަންހެން މީހާ ރާއްޖެ އަށް އަންނަން ވެސް މަސައްކަތްކުރާ ކަމަށް ވަނީ އެނގިފަ އެވެ.

ދަރިފުޅު މަރުވުމުން އަންހެން މީހާ މިހާރުވެސް ދަނީ ރާއްޖެ އަށް އަންނަން މަސައްކަތް ކުރަމުން ކަމަށާއި އެކަމަކު އާއިލާއާ ގުޅޭނެ ގޮތެއް ވެސް ނެތިފައިވާ ކަމަށް، "އަވަސް" އާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

"އެ އަންހެން މީހާގެ ފިރިމީހާ ހަނގުރާމަ އަށް ދިޔަ ގޮތަށް ހަބަރެއް ނުވަނީއެއް ކަމެއް ނުވަތަ ދަރިފުޅު ބަލިވީމަ އަޅާނުލީއެއް ކަމެއް ނޭނގެ. އެކަމަކު އެ ދިމާވި ކަމެއް ދިމާވެގެން އަންހެން މީހާ އުޅެނީ ރާއްޖެއަށް އާދެވޭނެ ގޮތެއް ނެތިގެން،" ނަން ސިއްރު ކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެ އިން ސީރިއާ އަށް ދިޔަ ބަޔަކު، އަހަރު ނުވާ ދަރިފުޅު ގެންދިޔަ ކަމަށް ރާއްޖޭގެ މީޑިއާގައި އަޑު ފެތުރިފައިވެ އެވެ. އަދި ފަަހަކަށް އައިސް ރާއްޖެ އިން ސީރިއާ އަށް ދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ބޭރުގެ ހަނގުރާމަތަކުގައި ދިވެހިންގެ ފަންސާހަކަށް މީހުން ބައިވެރިވެ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސީރިއާ އަށް ހަނގުރާމަ އަށްދާ މީހުންނަށް ހަނގުރާމަ ދޫކޮށް އަމިއްލަ ގައުމަށް ދިއުމަކީ އުނދަގޫ ކަމެކެވެ. ހަނގުރާމައާ ގުޅެނީ ވަކި ޝަރުތުތަކަކަށް އެއްބަސްވެގެން ކަމަށް ވާތީ، ހަނގުރާމަ ދޫކޮށްލާ ބައެެއް މީހުން މަރައި އަދި ބައެއް މީހުން ޖަލަށް ލައި ކަމަށް ވެސް މީޑިއާގައި ބުނެ އެވެ.