ހަބަރު

ރާއްޖޭގައި ވަޒީފާ އަދާކުރާ 1878 ކުދިން، ސްކޫލަށް ނުދާ 622 ކުދިން!

ރާއްޖޭގައި 1878 ކުޑަ ކުދިން ވަޒީފާއަދާކުރަމުންދާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ. އޭގެއިތުރަށް 622 ކުދިން ތައުލީމު ހާސިލުކުރަމުންނުދާ ކަމަށް ވެސް އެ ބިއުރޯއިން ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ބިއުރޯއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، 1878 ކުއްޖަކު ދަނީ ވަޒީފާއަދާކުރަމުންނެވެ. އެއީ ރާއްޖޭގައި ވަޒީފާއަދާކުރާ އާބާދީގެ 1.20 ޕަސެންޓެވެ. ވަޒީފާއަދާކުރާ ކުދިން އެންމެ ގިނައީ ހއ. އަތޮޅުގަ އެވެ. އެއީ ވަޒީފާއަދާކުރާ ކުދިންގެ ނިސްބަތުން 0.767 ޕަސެންޓެވެ. ދެން މި އަދަދު އެންމެ މަތީ ހދ. އަތޮޅުގަ އެވެ. އެއީ 0.702 ޕަސެންޓެވެ. ތިންވަނައަށް އެ އަދަދު އެންމެ މަތީ މާލެގަ އެވެ.

ކުޑަކުދިން އެންމެ ގިނައިން ވަޒީފާއަދާކުރާ ދާއިރާއަކީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ވިޔަފާރީގެ ދާއިރާގަ އެވެ. އެއީ 30.7 ޕެސެންޓް ކުދިންނެވެ. ދެން އެންމެ ގިނައިން ކުޑަކުދިން ވަޒީފާއަދާކުރަމުން ދަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގަ އެވެ. އެއީ 19.2 ޕެސެންޓެވެ. ތިންވަނައަށް އެންމެ ގިނައިން ކުދިން ވަޒީފާއަދާކުރަމުން ދަނީ ތައުލީމީ ދާއިރާގަ އެވެ.

ރާއްޖޭގައި ތައުލީމް ހާސިލުކުރަމުންނުދާ ޖުމްލަ 622 ކުދިން ތިބިއިރު އޭގެ ތެރެއިން 254 ކުދިންނަކީ ޕްރައިމެރީ އުމުރުފުރާގެ ކުދިންނެވެ. ބާކީ ތިބި 368 ކުދިންނަކީ ސާނަވީ އުމުރުފުރާގެ ކުދިންނެވެ. ތައުލީމު ހާސިލުކުރަމުންނުދާ ކުދިންގެ ބޮޑު އިންސައްތައަކީ ފިރިހެން ކުދިންނެވެ.

ދިވެހި ބަހުން ލިޔަންކިޔަން އޭނގޭ ކުދިން ނިސްބަތުން ގިނަ އެވެ. އެގޮތުން 10 އަހަރުން މަތީގެ އަންހެން ކުދިންގެ 96.1 ޕަސެންޓަކީ ލިޔަންކިޔަން އެނގޭ ކުދިންނެވެ. ފިރިހެނުން ކުދިންގެ ތެރެއިން ދިވެހި ބަހުން ލިޔަންކިޔަން އެނގޭ ކުދިންގެ އިންސައްތައަކީ 94.6 ޕަސެންޓެވެ.