ހަބަރު

ހުޅުމާލޭ ކޯޓުގެ އާ ބެންޗު އެކުލަވާލުން ހުއްޓުވަން އަމުރެއް ނެރެދެވެން ނެތް: ހައި ކޯޓު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި އެކުލަވާލި ބެންޗު އުވުމާ އެކު އާ ބެންޗެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ނަޝީދުގެ ފަރާތުން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ނަޝީދުގެ ފަރާތުން އެދުނު ފަދަ އަމުރެއް މިވަގުތު ނެރެދެވެން ނެތް ކަމަށް ނިންމީ މިއަދުގެ ވަގުތެއްގައި ކަމަށް "އަވަސް" އަށް ވަނީ އެނގިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަޝީދު ވަކީލުން ވިދާޅުވީ ހުޅުމާލޭ ކޯޓުގައި އޮތް ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު މާލޭގެ އެހެން ދެ ކޯޓަކަށް ބަދަލުކޮށްފައިވާތީ ހުޅުމާލޭ ކޯޓުގައި އާ ބެންޗެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވަން ބޭނުންވާ ކަމަށް ބުނެ އެފަދަ ވަގުތީ އަމުރަކަށް އެދެން އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ވަކީލުން މަސައްކަތް ކުރި އެވެ.

ނަމަވެސް އެދުވަހު އަޑުއެހުމުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެފަދަ އަމުރަކަށް އެދެން ބޭނުންވެއްޖެ ނަމަ ޖެހޭނީ އެކަމަށް އޮންނަ ފޯމް ފުރިހަމަ ކުރުމަށް ފަހު ހައި ކޯޓުގެ ކައުންޓަރަށް ހުށަހަޅަން ކަމަށެވެ. އޭރުން އެކަމާ މެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށް އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުން ބެންޗުން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދާއި އިތުރު ބޭފުޅުންތަކެއް މައްޗަށް ކުރާ ދައުވާގެ މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗެއް އުފެއްދީ ޖުޑިޝަލް ސާވިސް ކޮމިޝަނުންނެވެ. އެހެންވެ ނަޝީދުގެ ފަރާތުން ވަނީ އެ ބެންޗު ކަނޑައެޅި ކަނޑައެޅުން ސައްހަ ނޫން ކަމަށް ބުނެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ޖޭއެސްސީން ދަނީ ބުނަމުންނެވެ. އެ ކޮމިޝަނުން ބުނަމުންދަނީ އެ ބެންޗު ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކުރާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ ނުކުތާއާ މެދު އަންނަ ހަފުތާގައި ހައި ކޯޓުން ގޮތެއް ނިންމާނެ އެވެ.