ހަބަރު

ޑެންގީ ޖެހިގެން ހަތްމަހުގެ ކުއްޖަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ހަތް މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ، މިއަދު މެންދުރު 12:10 ހާއިރު ޑެންގީ އަށް ފަރުވާދެމުންދިޔަ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އެ ކުއްޖާއަކީ ފ. އަތޮޅުގެ ހޮސްޕިޓަލަކުން މާލެއަށް އިތުރު ފަރުވާ ހޯދަން ގެނައި ކުއްޖެއް ކަމަށާއި ކުއްޖާގެ އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ޑެންގި ޖެހިގެން ތުއްތު ކުއްޖަކު މިއަދު މަރުވިއިރު މީގެ ދެ ދުވަސްކުރިން އެ ބަލީގައި ގދ. ފަރެސްމާތޮޑާ އަންހެން މީހަކު ވެސް ވަނީ މަރުވެފައެވެ.

ޑެންގީގެ ނުރައްކާ ކުޑަވެގެން އައިތާ ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އެބަލި މިވަނީ ކަންބޮޑުވާ މިންވަރަށް ފެތުރެން ފަށާފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑެންގީ ޖެހިގެން މީހުން ރިޕޯޓްކުރާ މިންވަރު އަނެއްކާވެސް ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ބައްޔަށް ރައްކާތެރިވެގެން ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިދުވަސްކޮޅު ދަނީ ޑެންގީ ފެތުރެމުންނެވެ.