ހަބަރު

ވޯލްޑް ބޭންކުން ބުންޏަސް ސަބްސިޑީޒްތައް ނުކަނޑާނަން: ޒުހޫރު

ރާއްޖެއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ރައްޔިތުންނަށް ދެމުންދާ އެކިއެކި ސަބްސިޑީޒްތައް ކަނޑާލުމަށް ބުނެފައިވީ ނަމަވެސް އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް ކައުންސިލްގެ މެންބަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓްގައި ހުރި މައުލޫމާތުތައް ދޮގުކޮށް މީޑިއާތަކުގައި ގެނެސްދެމުންދާތީވެ، އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ މެންބަރު އަދި ޔޫތް މިނިސްޓަރު ޒުހޫރު ވިދާޅުވީ، ބަޔަކު އެއްޗެކޭ ބުނެލާއިރަށް އެކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީޒްތައް އެއްފަހަރާ ކަނޑާލުމަކީ މި ސަރުކާރުންކުރާނެ ކަމެއް ނޫން ކަމަށެވެ.

"ވޯލްޑް ބޭންކް ރިޕޯޓްގައި މި ބުނަނީ ދެއްތޯ ކަރަންޓު ސަބްސިޑީޒް ކަނޑާލާއި ފުޑް ސަބްސިޑީޒް ކަނޑާލާށޭ، ހަމަ ވޯލްޑް ބޭންކް ރިޕޯޓްގައި މި ބުނަނީ، އެހެންނަމަވެސް މިއަދު ސަރުކާރުން މި ކަންތައްތައް ވެސް މެނޭޖަބަލް ލެވެލްއެއްގައި ހިފަހައްޓަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވީ، ވޯލްޑް ބޭންކުން އެހެން ބުނި ނަމަވެސް ރައްޔިތުންނަށްދޭ އެންމެ އަސާސީ ސަބްސިޑީޒްތައް ކަނޑާލުމަކީ ސަރުކާރުންކުރާނެ ކަމެއް ނޫން ކަމަށެވެ. ބޭސްފަރުވާ އާއި ފެނާއި ނަރުދަމާގެ ހިދުމަތަކީ ވަރަށް އަސާސީ ހިދުމަތްތަކެއް ކަމަށެވެ.

"އެހެންވީމާ މިކަންތައްތައް ސަރުކާރުން ކޮށްދެމުން އަދި ވޯލްޑް ބޭންކް ރިޕޯޓްގައި މިކަންކަން ހުއްޓާލަން ބުނި ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިކަންކަން ކޮށްދެމުން ރާއްޖޭގެ އިކޮނޮމީ މި ސްޓޭބަލް ލެވެލްގައި ހިފެހެއްޓުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުސާރަތައް ކުޑަކުރުމަށް ވެސް ރިޕޯޓްގައި ބުނެފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން މުސާރަތައް ކުޑަކުރަން ބޭނުންނުވާ ކަމަށެވެ.

"ހަމަ ވޯލްޑް ބޭންކުން އެއްޗެއް ބުނެލާއިރަށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރުމަށް މި ރައިސުލްޖުމްހޫރިއްޔާ ބޭނުމެއް ނުވޭ،" މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.