ހަބަރު

މެގަ މޯލްޑިވްސްގެ ހައްޖާއި އުމްރާގެ ޕީއެސް އޭޖެންޓަކަށް ހައްޖު ކޯޕަރޭޝަން ހަމަޖައްސައިފި

Feb 5, 2015

މެގަ މޯލްޑިވްސް އެއާލައިންގެ ހައްޖު އަދި އުމްރާގެ ޕެސެންޖާ ސޭލްސް އޭޖެންޓަކަށް ހައްޖު ކޯޕަރޭޝަން ހަމަޖައްސައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނާ އެކު މެގަ މޯލްޑިވްސުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ޔާމީން އިދްރީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހައްޖާއި އުމުރާއަށް ދާ މީހުންނަށް ޓިކެޓް ދޫކުރެވޭނެ ކަމަށެވެ. އަދި އެކަމުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރަށް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބިގެން އުމުރާއަށް ދިއުމުގެ ވިސާ ހޯދޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެކަމަށް ބާރު އެޅިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައ މެގަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރި އެ ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމޭން ވިދާޅުވީ ކުރިން ވެސް އެ ކުންފުންޏާ ހައްޖު ކޯޕަރޭޝަނާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.