ހަބަރު

ހިތްހަމަނުޖެހިފައި ތިބި ސަޕޯޓަރުންނާ ޑޯޓްމަންޑްގެ ސީނިއާ ކުޅުންތެރިން ވާހަކަދައްކައިފި

ދިހަ މީހުންނާއެކު ކުޅުނު އޮގްސްބާގް އަތުން 1-0 އިން ޖަރުމަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިިވުމާ ގުޅިގެން ރުޅިގަދަވެފައި ތިބި ސަޕޯޓަރުންނާ އެ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން މެޗަށް ފަހު ވާހަކަދައްކައި، ސަޕޯޓަރުން ހަމަޖެއްސުމަށް މަސައްކަތްކޮށްފި އެވެ.

ޑޯޓްމަންޑްްގެ 80،000 ސަޕޯޓަރުން ކުރިމަތީގައި ރޭ އޮގްސްބާގް އަތުން ބަލިވުމާއެކު، ޖަރުމަން ލީގު 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ކާމިޔާބުކުރި ޑޯޓްމަންޑް އޮތީ ތާވަލްގެ ފުލުގަ އެވެ. މިދިޔަ ސީޒަންގައި ޖަރުމަން ލީގުގެ ރަނަރަޕް ޑޯޓްމަންޑް ވަނީ މި ސީޒަންގައި މިހާތަނަށް 11 މެޗުން ބަލިވެފަ އެވެ.

މި މެޗުން ޑޯޓްމަންޑް ބަަލިވުމާއެކު ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ އެ ޓީމުގެ ސަޕޯޓަރުންނާ ވާހަކަދެއްކީ އެ ޓީމުގެ ގޯލްކީޕަރު ރޯމަން ވައިޑެންފެލާ އާއި ޑިފެންޑަރު މެޓް ހަމެލްސް އެވެ. ޑޯޓްމަންޑްގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ވަނީ ސަޕޯޓަރުންނާ ވާހަކަދައްކައި، ސަޕޯޓަރުން ހަމަޖައްސަން މަސައްކަތްކޮށްފަ އެވެ.

ޖަރުމަން ލީގު ތާވަލްގެ ފުުލުގައި ޑޯޓްމަންޑް އޮތީ 16 ޕޮއިންޓާއެކު އެވެ. މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ޑޯޓްމަންޑް މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ.

"ނަވާރަ މެޗަށް ފަހު މި މަގާމުގައި ޓީމު އޮތުމުން ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެކަން ގަބޫލްކުރަންޖެހޭ،" މެޗަށް ފަހު ހަމެލްސް ބުންޏެވެ.

ހަމެލްސް ބުނީ ޑޯޓްމަންޑްގެ ރެލިގޭޝަނުން ސަލާމަތްކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ބާކީ އޮތް 15 މެޗުގައި އަހަރެމެން ރަނގަޅު ނަތީޖާތަކެއް ނެރެންޖެހޭކަން. މިހާރު މައްސަލައަކީ މެޗުތަކުގައި ލީޑު ނުނެގުން. ލީޑު ލިބޭނަމަ ޑިފެންސްކޮށްލައިގެން، ކައުންޓާ އެޓޭކްގައި ހަމަލާ އުފައްދަން ކުޅެވޭނެ. ޑޯޓްމަންޑް ރެލިގޭޝަނުން ސަލާމަތްކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ހުރިހާ ކުޅުންތެރިން ވެސް ކުރާނެ،" ހަމެލްސް ބުންޏެވެ.

ޖަރުމަން ލީގު ފޯމު ދަށްވިޔަސް، ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

މުހިންމު ކުޅުންތެރިން ކަމަށްވާ މާރިއޯ ގޮޓްޒާ އާއި ރޮބަޓް ލެވަންޑޮވްސްކީ ވިއްކާލައިފައިވާ ޑޯޓްމަންޑަށް މި ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިފަ އެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ހަމެލްސް އާއި މާކޯ ރޮއިސް އަދި އިލްކޭ ގުންޑޮގާން އަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ. -- ބީބީސީ