ދުނިޔެ

ސްރީލަންކަން އެއާލައިންސްގެ ދަރަނި ދައްކަން ހަތަރު ފްލައިޓެއް ވިއްކާލަނީ

May 12, 2016

ސްރީލަންކާގެ ރަސްމީ އެއާލައިން، ސްރީލަންކަން އެއާލައިން އަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް، ހަތަރު ފްލައިޓު ވިއްކާލުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޑެޕިއުޓީ ސްޓޭޓް އެންޓަޕްރައިސް މިނިސްޓަރު އެރާން ވިކްރަމަރަތްނަ ވިދާޅުވީ އެއާބަސް އޭ350 މަރުކާގެ ހަތަރު ފްލައިޓު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. ހަތަރު ފްލައިޓުގެ ތެރެެއިން އެއް ފްލައިޓު މިހާރު ވިއްކާލާފައިވާ ކަމަށާއި ބާކީ ތިން ފްލައިޓު ވިއްކާލުމަށް އެކި އެއާލައިންތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމަރަތްނަ ވިދާޅުވީ ސްރީލަންކަން އެއާލައިންސްގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ފުޅާކުރަންޖެހެ އެވެ. ނަމަވެސް، އޭ350 ފަދަ ބޮޑު ފްލައިޓްތައް މިވަގުތަށް ބޭނުންނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ. ސްރީލަންކަން އެއާލައިންސްގެ ދަރަނި، 3.25 ބިލިއަން ޑޮަލަރަށް ރިކޯޑްކޮށްފައިވާ އިރު، ސްރީލަންކަން އިން ވަނީ އޯޑަރު ކޮށްފައިވާ އިތުރު ހަތަރު ފްލައިޓެއްގެ އޯޑަރު ކެންސަލް ވެސް ކޮށްފަ އެވެ.

ލަންކާގެ މައި އެއާލައިނަށް މާލީ ގެއްލުންތަކެއް ކުރިމަތިވެފައިވާ އިރު، މުޅި ގައުމުގެ އިގްތިސާދަށްވެސް ވަނީ އެތަށް ގޮންޖެހުމެއް ކުރިމަތިވެފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސަރުކާރުގެ ބޮންޑުގެ ގޮތުގައި ދެ ބިލިއަން ޑޮލަރު ގައުމުން ބޭރުވެފައިވާ ކަމަށް ދައްކަ އެވެ. ލަންކާއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ވަނީ 1.5 ބިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ. އަދި، ސަރުކާރުން ދަނީ އިތުރު މަޝްރޫއުތަކަށް ހަރަދުކުރުމަށް ލޯނު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކަން އާއި އެމިރޭޓްސްގެ މެދުަގައި ހަދާފައިވާ ޕާޓްނަޝިޕް އެގްރީމެންޓް އުވާލާފައި ވަނީ 2008 ވަނަ އަަހަރު އެވެ. ސްރީލަންކަން އިން އެންމެ ފަހުން ފައިދާވެފައިވަނީ 2009 ވަނަ އަހަރު އެވެ.