ޑެންގީ

ޑެންގީ ހުމުގެ 542 ކޭސް ރިޕޯޓުކޮށްފި: އެޗްޕީއޭ

މިދުވަސްވަރު ޑެންގީ ހުން ފެތުރެމުންދާއިރު މިއަހަރު މިހާތަނަށް އެ ހުން ޖެހިގެން 542 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސާ ޑރ. އައިޝަތު ނަޒްލާ ވިދާޅުވީ ކުރިޔާ ހިލާފަށް މިއަހަރު ތަންކޮޅެއް އަވަހަށް ހުޅަނގު މޫސުން އައުމުން ޑެންގީ ފެތުރުން އިތުރުވެފައިވާ ކަމަށާއި ހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ތަކެއް ފަށުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ނަޒްލާ ވިދާޅުވީ ޑެންގީ ހުން ޖެހިގެން މިއަހަރު 542 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މާލެއިން 179 ކޭސްއާއި އަތޮޅުތަކު ތެރެއިން ރިޕޯޓް ކުރި 363 ކޭސް ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް ޑެންގީ ކޭސް ފެނޭ. ނަމަވެސް ޑެންގީ އުޅޭ ހުރިހާ ގައުމެއްގައި ވެސް އަހަރު ތެރޭގައި ވަކި ދުވަސްވަރެއްގައި ޑެންގީ ކޭސްތައް އިތުރުވާން ފަށާނެ. ރާއްޖޭގައި އާމުކޮށް ވިއްސާރަވެހޭ ޖޫން ޖުލައި ހިސާބުގައި ކޭސްތައް ގިނަވާން ފަށާނެ. ގާތްގަނޑަކަށް އޮގަސްޓް ނިމޭ ހިސާބުން ކޭސްތައް މަދުވާނީ،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ އަތޮޅުތަކު ތެރޭގައި ޑެންގީ ހުން ނައްތާލުމުގެ މަސައްކަތް ކުރަން މިހާރުވެސް ފަށާފައިވާ އިރު މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދާއި ކޮންސްޓްރަކްޝަން ސައިޓުތަކުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ހޯމަ ދުވަހާ ހަމަޔަށް ފަތިސް ގަޑީ މާލޭގެ އެކި ސަރަހައްދު ފޮގު ކުރާނެ ކަމަށެވެ.

ޑެންގީ ހުން ބާރު ސްޕީޑެއްގައި މިއަދު ފެތުރެމުން އަންނަ އިރު ދާދި ފަހުން ވަނީ އަންހެނަކާއި ތުއްތު ކުއްޖެއް ވަނީ އެ ބަލީގައި މަރުވެފަ އެވެ.