ސިވިލްސާވިސް ކޮމިޝަން

"އީޖާދު" އިނާމުގެ ބްރޯންޒް ވާދޫއަށް، ސިލްވާ ޓިވެޓް އަށް!

ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތް ހަލުވިކުރުމާއި، ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާއި، އޮފީހުގެ ހަރަދުތައް ކުޑަކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭ މަސައްކަތްތަކަށް ހިތްވަރުދީ އެފަދަ ކަންކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ "އީޖާދު" އިނާމުގެ ބްރޯންޒް އިނާމް ރ. ވާދޫ ކައުންސިލަށް އަދި ސިލްވާ އިނާމު ޓިވެޓް އަށް ލިބިއްޖެ އެވެ.

ދެ ވަނަ ސިވިލް ސާވިސް ކޮންފަރެންސް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިނާމު އެ އިދާރާތަކާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ.

މި އިނާމަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ސިވިލް ސާވިސް އިން ދެމުން އަންނަ އިނާމެކެވެ. މި އިނާމް ކުރިން ދެމުން އައީ ސިވިލް ސާވިސް އިނޮވޭޝަން އެވޯޑުގެ ނަމުގަ އެވެ. އެންމެ ފުރަތަމަ ފަހަރަށް އެ އެވޯޑު ހަ ފަރާތަކަށް ލިބިފައިވެ އެވެ. ފަސް ދާއިރާއަކަށް ކަނޑައެޅިގެން ދެވޭ އެ އެވޯޑަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ އިދާރާތަކަށް ކުރިމަރި ލެވޭނެއެވެ. އަދި ސިވިލް ސާވިސްގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެ އެވޯޑަށް ކުރިމަތިލެވޭނެ އެވެ.

މިއަދު ނިންމި ސިވިލް ސާވިސް ކޮންފަރެންސަކީ އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ "ފުރިހަމަ ސިވިލްސާވިސް އެއް ބިނާކުރުން" މި ޝިއާރުގެ ދަށުން ނެވެ. މި ކޮންފަރެންސްގައި މައިގަނޑު ހަ މައުލޫއަކާ ގުޅޭ މަޝްވަރާކޮށް ދިރާސާ ކަރުދާސް ހުށަހަޅާފައިވެ އެވެ.

މުޅި ރާއްޖޭގައި މަސައްކަތްކުރާ ސިވިލްސާވިސް މުވައްޒަފުން ތަމްސީލްވާގޮތަށް އެކި ހިސާބުތަކުން ބޭފުޅުން ބައިވެރިވާ އެ ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކޮންފަރެންސްގައި މަޝްވަރާކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއަކުން މަޝްވަރާކޮށް، ކުރި މަޝްވަރާއާއި ނިންމި ނިންމުންތަކާ ގުޅިގެން ސިވިލްސާވިސް އަށް ގިނަ ބަދަލުތަކެއްވެސް ގެނެސްފައިވެ އެވެ. އެގޮތުން ސިވިލް ސާވިސް ޒަމާނީކޮށް ހަރުދަނާކުރުމަށް ގާނޫނީގޮތުން ބައެއް ބަދަލު ގެނެސް، ހިންގުން ހަރުދަނާ ކުރުމަށް ސިވިލްސާވިސް އިދާރާތައް ގުޅުވާލުމަށް ވިއުގަ ދޭއް ތައާރަފްކުރި އެވެ.