ހަބަރު

ޝަރުއީ ދާއިރާއިން މީޑިއާއަށް އިހުތިރާމްކުރަން ޖެހޭނެ: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާއަކީ މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކޮށް މީޑިއާއާ ރަހުމަތްތެރި ދާއިރާއަކަށްވާން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަލް އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ހަރަކާތް ކަމަށްވާ "ފަނޑިޔާރުންގެ މަހާސިންތާ" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާ ވާން ޖެހޭނީ މީޑިއާއާ ރަހުމަތްތެރި މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިހުތިރާންކުރާ ދާއިރާއަކަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ މީޑިއާގެ ފަރާތްތަކާއި މީޑިއާގެ ބެލެނިވެރި އިދާރާތަކާއި މީޑިއާއާ ޝަރުއީ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފަ އެވެ. އަދި ޖުލައި މަހުގެ ތެރޭގައި، އޯޕަން ހައުސް މީޑިއާ ހަފުތާ ޝަރުއީ ދާއިރާއިން ފާހަގަކުރާއިރު ކުރިއަށް ގެންދަވާނެ ހަރަކާތްތައް ޝަރުއީ ދާއިރާގެ ވެރިން ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާއަށް ހާމަކޮށްދެއްވުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ގުޅުން ބަދަހިކޮށް އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

މާލޭގެ ކޯޓުތަކުގެ މުވައްޒަފުން އެއް ތަނަކަށް ޖަމާވެގެން އެއް އާއިލާއެއްހެން މި އަހަރުގެ މާހެފުމެއް ބޭއްވުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ.

ޖުޑިޝަލް އަހަރު 2016 ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާއި ތަޖުރިބާ ހިއްސާކުރުމުގެ ހަރަކާތްތަކާއި އިންސާނީ ވަގުފާރިއާ ގުޅުންހުރި ކަންތައްތަކާމެދު ޝަރުއީ ދާއިރާއިން އަމަލުކުރާނެ އެއް ގޮތް އުސޫލުތަކެއް އެކަށަ އެޅުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.