އުރީދޫ

"ސުޕަނެޓް"ގެ ނަމުގައި އުރީދޫން ބްރޯޑްބޭންޑް ހިދުމަތް ފަށައިފި

May 12, 2016
3
  • ވިޔަފާރިތަކަށް ހާއްސަ ޕެކޭޖް ހިމެނޭ
  • އިންޓަނެޓް ސްޕީޑް އަވަސްވާނެ ކަމަށް ބުނޭ
  • ހިދުމަތް ދެނީ މީޑިއާނެޓާ ގުޅިގެން

އުރީދޫން "ސުޕަ ނެޓް"ގެ ނަމުގައި ފިކްސް ބްރޯޑް ނޫނީ ގޭގެއަށް އިންޓަނެޓް ގުޅައިދިނުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އާޓިފިޝަން ބީޗްގައި "އުރީދޫ ނައިޓް" ގެ ނަމުގައި ކުރިއަށް ދާ މިޔުޒިކް ޝޯގައި މި ހިދުމަތް ފަށައިދިނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އުރީދޫން މި ހިދުމަތް ދެނީ މީޑިޔާނެޓާ ގުޅިގެންނެވެ.

އުރީދޫ ސުޕަ ނެޓްގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް ކަސްޓަމަރުންނަށް ހާއްސަ ކަންތައްތައް ގެނެސްދެން ކަމަށެވެ. އަދި މި ހިދުމަތަކީ ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށް ވާނެ ކަމަށް ވެސް ވިކުރަމަ ސިންހަ ވިދާޅުވި އެވެ. އަދި އުރީދޫ އިން ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގައި ވެސް ދެމި ހުންނާނެ ކަމަށް ވެސް ވިކްރަމަސިންހަ ވިދާޅުވި އެވެ.

އުރީދޫން މިއަދު ފެށި "ސުޕަ ނެޓް ފިކްސް ބްރޯޑް ބޭންޑު" ގެ ހިދުމަތުގައި، އިންޓަނެޓް ލިބޭ ސްޕީޑް ދެ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދުގައި ލިބޭ ޕެޖޭކްތައް ހިމެނެ އެވެ. އިންޓަނެޓް ޕެކޭޖްތަކުގެ އަގު އުޅެނީ 500ރ އިން ފެށިގެން ގޮސް 2049 ރުފިޔާގަ އެވެ. އަދި ބައެއް ޕެކޭޖްތަކުގައި ޕަވަޕްލޭންތައް ވެސް ހިމެނެ އެވެ.

އުރީދޫގެ ސުޕަނެޓްގެ ޕެކޭޖްތައް:

ޝަރަފުވެރި މެހެމާން އުމަރު ނަސީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސްމާޓް ދިރިއުޅުމަކަށް ދިވެހިން ގެންގޮސްދިނުން ކަމަށެވެ. އަދި އުރީދޫ އިން ވެސް އިންޓަނެޓްގެ ހިދުމަތް ފެށުމާ އެކު އަވަސް އިންޓަނެޓްގެ ހިދުމަތް މުޅި ރާއްޖެއަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ދިވެހިން އެދޭ ފަދަ އިންޓަނެޓްގެ ހިދުމަތެއް އުރީދޫ އިން ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.