ބޭރު ކުޅިވަރު

ވަލްބުއޭނާ އާއި ސަކޯ ބާކީކޮށް ފްރާންސް ޓީމު އިއުލާނުކޮށްފި

އަމިއްލަ ގައުމުގައި އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުން މެތިއު ވަލްބުއޭނާ އާއި މަމަޑޯ ސަކޯ ބާކީކޮށް، ޓީމު އިއުލާނުކޮށްފި އެވެ.

ކޯޗު ޑިޑިއޭ ޑެޝޯން ބުނީ ވަލްބުއޭނާ ޓީމަށް ނުނެގީ މި ސީޒަނުގައި ގިނަ އަނިތާތަކެއް ވެފައި ހުރުމުންނާއި އޭނާގެ މަގާމަށް ކުޅޭނެ ރަނގަޅު ކުޅުންތެރިން ތިބުމުން ކަމަށެވެ.

ނަމަވެސް ވަލްބުއޭނާ ބުނީ އޭނާ މިވަގުތު ހުންނާނީ ހަނު ކަމަށާއި އޭނާ ނުނެގީ ކީއްވެކަން ބުނާނީ ޖޫން 10 އިން ޖުލައި 10 އަށް ބާއްވާ ޔޫރޯ އަށް ފަހު ކަމަށެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ޑިފެންޑަރު ސަކޯ ނުނެގީ މަނާ ބޭހެއް ބޭނުންކުރުމުގެ ސަބަބުން ފީފާ އިން ސަސްޕެންޑްކޮށްފައިވާތީ އެވެ. އަދި ސަކޯ އަށް ހަ މަހުގެ ސަސްޕެންޝަނެއް އައުން ވެސް ގާތެވެ.

ފްރާންސް ޓީމުން މީގެ ކުރިން ވަނީ ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ ވެސް ބާކީކޮށްފަ އެވެ. އެއީ ވަލަބުއޭ ބްލެކް މެއިލްކުރި މައްސަލާގަ އެވެ. ޑެޝޯން ބުނީ ބެންޒެމާ ނުނެގީ މުޅި ޓީމުގެ މަސްްލަހަތަށް ބަލާފައި ކަމަށެވެ.

ބޮޑު މުބާރާތެއް މުޅިން އަލަށް ކުޅެން ފްރާންސް ޓީމަށް ނެގި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ އެންތަނީ މާޝިއަލް އާއި ބަޔާން މިއުނިކްގެ 19 އަހަރުގެ ކުޅުންތެރިޔާ ކިންގްސްލީ ކޯމަން އާއި އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީގެ ކަންޓޭ ހިމެނެ އެވެ.

ޓީމުގައި ތިބި ހަރު ކުޅުންތެރިންނަށް ބަލާއިރު ޓޮޓެންހަމުގެ ކީޕަރު ހޫގޯ ލޮރިސް އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރެމީ މެތިއު އާއި މެންޗެސްޓާ ސިޓީގެ ބާކަރީ ސަގްނާ އާއި ރެއާލް މެޑްރިޑުގެ ރަފޭލް ވަރާނޭ އާއި ޔުވެންޓަސްގެ ޕެޓްރިސް އެވްރާ އާއި ޕައުލް ޕޮގްބާ އަދި މާސޭގެ ލަސާނާ ދިއާރާ އާއި އެތްލެޓިކޯ މެޑްރިޑުގެ އެންޓޯނިއޯ ގްރިއެޒްމަން އާއި އާސެނަލްގެ އޮލީވިއާ ޖީރޫޑް ހިމެނެ އެވެ.
ޔޫރޯގައި ފްރާންސް ވާދަކުރާނީ ރޫމޭނިޔާ އާއި އަލްބޭނިއާ އަދި ސްވިޒަލޭންޑާ އެވެ.