ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯއިން ހިލޭ ޗުއްޓީ ހޭދަކުރާނެ ފުރުސަތުތަކެއް!

May 14, 2016

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތައް ދައްކާލުމަށް ބާއްވާ "ވެކޭޝަންސް އެކްސްޕޯ" އިން ޗުއްޓީ ހޭދަ ކުރުމަށް ހިލޭ ގިނަ ފުރުސަތުތަކެއް ލިބެން ހުންނާނެ ކަމަށް ހައިރައިޒް އިން ބުނެފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާގެ ގޮތުގައި "ވެކޭޝަންސް އެކްސްޕޯ" އިންތިޒާމުކުރާ ހައިރައިޒްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) ވިދާޅުވީ މި ފެއާގައި ރާއްޖޭގެ ބޮޑެތި އެއާލައިންތައް އޮޕަރޭޓްކުރާ ބޮޑެތި ހުރިހާ ކުންފުނިތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ. މި ފެއާގެ ތެރެއިން ކުރިއާލާ ރާވައިގެން ޗުއްޓީއެއް ޕްލޭން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މި އެކްސްޕޯއިން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ. އިންޓާނަލް ޓޫރިޒަމަށް ވެސް ފުރުސަތުތަކެއް ހުޅުވިގެންދާނެ. ގިނަ ޕެކޭޖުތަކެއް ލިބެން ހުންނާނެ. އެކްސްޕޯއަށް ޒިޔާރަތް ކޮށްލައިގެން ޔޫރަޕަށް ހިލޭ ދަތުރުކޮށްލުން ފަދަ ފުރުސަތުތައް ލިބޭނެ. ރިސޯޓު ޕެކޭޖުވެސް ލިބޭނެ،" އިއްސޭ ވިދާޅުވި އެވެ.

"ވެކޭޝަންސް އެކްސްޕޯ 2016" ބާއްވަނީ އޮގަސްޓް މަހުގެ 4-6 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ. މި ފެއާގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް "ހޮޓެލް ޖެންގައި" އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ފެއާގެ މެއިން ސްޕޮންސަރަކީ އިނަ މޯލްޑިވްސް ހޮލިޑޭސް އެވެ. މީގެ އިތުރުން އެންޑޯސްމަންޓް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި ލޭމް އާއި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.

ހައިރައިޒް އިން ވާހަކަ ދެއްކެވި އިއްސޭ ވިދާޅުވީ އެންޑޯސްމަންޓް މި ފަދަ ފެއާއެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން ކަމަށެވެ.

"ވެކޭޝަން އެކްސްޕޯއަކީ ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށް ނެރެވުނު ހައިރައިޒްގެ ދެވަނަ ބްރޭންޑް. ނަމަވެސް އެގްޒިބިޝަނެއްގެ ގޮތުގައި ބާއްވާ ފުރަތަމަ ބްރޭންޑް. މީގެކުރިން ސައުންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި ޑެސްޓިނޭޝަން ޕްރޮމޯޓްކުރަން ބާއްވަން،" އިއްސޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެއާ ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ވެސް އިޝްތިހާރު ކޮށްފައިވާނެ ކަމަށެވެ.

"މި އިވެންޓް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފިން. ކުރިއަށް އޮތްތަނުގައި ޕްރޮމޯޝަން ތަކެއް ފެނޭނެ،" އިއްސޭ ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގެ ޕާޓްނަރުން

  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ނިއުސް ޕާޓްނަރު މީޑިޔާ އަވަސް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ލޮޖިސްޓިކް ޕާޓްނަރު އޭޝިޔާ ފޯވަޑިން

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި އެމްއެމްޕީއާރުސީގެ ސީއީއޯ މުހައްމަދު ހަމްޒީލް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު މިފަދަ ފެއާއެއްގައި ބައިވެރިވުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ބަލަނީ،" ހަމްޒީލް ވިދާޅުވި އެވެ.