ވެކޭޝަންސް އެކްސްޕޯ

މާފުށިން ޕްލާސްޓިކް ފުޅި ހުސްކުރަން ކާނި އިސް ނަގައިފި

ގިނަ އަދަދެއްގެ ގެސްޓް ހައުސް އާއެކު ޓޫރިޒަމްގެ ވިޔަފާރީ ފުޅާވެފައިވާ މާފުށީ ކާނި ހޮޓެލްސްއިން އިސް ނަގައި އެ ރަށަށް އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށް ބަޔޯޑައިވާސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް (ބީމް) އާއި ހަވާލު ކުރަން ނިންމައި އެކަމަށް ތެދުވެއްޖެ އެވެ.

ކ. މާފުށީގައި އެންމެ ފުޅާކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވިދާޅުވީ ޕްލާސްޓިކް ފުޅި އެއްކުރުމަށް އިސްނެގީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

"އުކާލާ ޕްލާސްޓިކް ހުސްފުޅި ފެންނާތީ ޓޫރިސްޓުން ވެސް ވަރަށް ބޮޑަށް ޝަކުވާކުރޭ. އަދި ވަރަށް ގިނައިން ހުސްފުޅި އުކާލެވިފައި ވެސް ހުރޭ. އެހެންވެ ތިމާވެށި ހިމާޔަތް ކުރުމުގެ އިސްނެގުމެއް މިއީ،" ނަޝީދު ވިދާޅުވި އެވެ.

ކާނި ހޮޓަލްސްގެ މި އިސްނެގުން އިއުލާނުކުރީ މިހާރު ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" ގަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މި އިސްނެގުމާއެކު ކާނިގެ ގެސްޓް ހައުސްތަކަށް ޖަމާވާ ފުޅި ޕެކް ކުރުމަށްފަހު މާލެ ފޮނުވާނެ އެވެ. ކާނީގެ މި މސައްކަތަށް ބީމްގެ ފައުންޑިން މެންބަރު ޝާހީނާ އަލީ އާއި ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވަނީ އެއްބަސް ވެވަޑައިގެންފަ އެވެ.

ބީމް އަކީ ތިމާވެއްޓަށް އާއްމުން ހޭލުންތެރިކުރުވާ ހަރަކާތްތައް ހިންގާ އަމިއްލަ ޖަމިއްޔާ އެވެ. އެ ޖަމިއްޔާއިން ދާދިފަހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ފަސް މިލިއަން ޕްލާސްޓިކް ފުޅި އެއްކޮށްގެން އެޑިޑާސް ކުންފުންޏަށް ވެސް ފޮނުވައި ބޫޓެއް ހަދާފަ އެވެ.

ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފެންވަރު ރަނގަޅު ގެސްޓް ހައުސް ހިންގާ ކުންފުންޏެވެ. އެ ކުންފުނީގެ ދަށުގައި "ކާނި ބީޗް ހޮޓެލް" އާއި "ކާނި ވިލާ އެންޑް ސްޕާ" އަދި "ކާނި ލޮޖް" ހިންގާ އިރު "ކާނި ޕްރިންސަސް" ގެ ނަމުގައި ސަފާރީއެއް ވެސް އޮޕަރޭޓް ކުރެ އެވެ.