ފްރާންސްގެ ޕީއެސްޖީ ދޫކޮށް އަންނަ ސީޒަނުގައި އެހެން ކުލަބަކަށް ކުޅެން ސްވިޑްންގެ ލާޓަން އިބްރަހިމޮވިޗް ނިންމައިފި އެވެ.
އުމުރުން 34 އަހަރުގެ ފޯވަޑް ހޯދަން މަސައްކަތްކުރާ ކުލަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި އެމެރިލާގެ ލޮސްއެންޖަލިސް ގެލެކްސީ އަދި އޭނާގެ ކުރީގެ ކުލަބު އިޓަލީގެ އޭސީ މިލާން ހިމެނެ އެވެ.
"އަހަރެން ފަހުރުވެރިވަން. އަހަރެން މިކުލަބަށް (ޕީއެސްޖީ އަށް) އައީ ރަސްކަލެއް ފަދައިން. މިކުލަބު ދޫކޮށް މިދަނީ ވެސް ރަސްކަލެއް ފަދައިން. އެކަމަކު އަދި އަހަރެން އަންނާނަން،" އިބްރަހިމޮވިޗް ބުންޏެވެ.
ޕީއެސްޖީ ދޫކޮށްދާން އިބްރަހިމޮވިޗް ނިންމިއިރު އޭނާ އަކީ އެކުލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެެވެ.2012 ވަނަ އަހަރު އޭސީމިލާނުން ޕީއެސްޖީއާ ގުޅި އޭނާ ވަނީ މިހާތަނަށް 152 ގޯލު ޖަހާދީފަ އެވެ. އެއީ 178 މެޗުންނެވެ. އަދި އެކުލަބުން ވަނީ އޭނާ ކުޅުނު ކޮންމެ ސީޒަނެއްގައި ވެސް ފްރާންސް ލީގު ކާމިޔާބުކޮށްފަ އެވެ. މިއާއެކު ކުޅުން ހުއްޓާލުމަށް ފަހު ވެސް އިބްރަހިމޮވިޗާއެކު މަސައްކަތް ކުރަން ޝައުގުވެރިވާކަން ކުލަބުގެ ޗެއާމަން ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެން މިކުލަބުގައި ހޭދަކުރި ކޮންމެ ދުވަހެއް ވެސް ހޭދަކުރީ އުފަލުން. ޕީއެސްޖީ އަކީ ބޮޑު ކުލަބެއް ދުނިޔޭގައި ވެސް. މިކުލަބު ކުރިއަށް ގެންދަން އަހަރެން މިވަނީ އެހީތެރިވެދީފައި،" ޕީއެސްޖީގައި ޖުމުލަ ހަ ތަށި ކާމިޔާބުކުރި ފޯވަޑް ބުންޏެވެ.
އިޓަލީގެ އިންޓަމިލާނާއި ޔުވެންޓަސް އަދި ސްޕޭނުގެ ބާސެލޯނާ އަށް ވެސް ކުޅުނު އިބްރަހިމޮވިޗް މިހާރު ނުކުޅޭ އެންމެ ބޮޑު ލީގަކީ އިނގިރޭސި ލީގެވެ. ކުލަބު ބަދަލުކުރަން ނިންމިއިރު އޭނާ ވަނީ އިނގިރޭސި ލީގުގައި ކުޅުމުގެ ޝައުގުވެރިކަން މިފަހުން ވަރަށް ބޮޑަށް ފާޅުކޮށްފަ އެވެ.