ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިސްލާމީ މަރުކަޒު ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖެހުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ. މި މަސައްކަތްކުރުމަށް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަންދުކޮށް، ވަށައިގެން އޮތް ތަޅުންގަނޑު ވެސް ތަޅާލާފަ އެވެ. މާބްލްސް ޖެހުމަށްޓަކައި ނޭޝަނަލް އާޓް ގެލަރީ ކުރިމަތީ މަގުގެ ގާތައް ވެސް ވަނީ ނަގާފަ އެވެ. ރޯދަ މަހުގެ ކުރިން މި މަސައްކަތް ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދުގައި މާބުލް ޖަހައި ޒީނަތްތެރި ކުރުމުގެ މަޝްރޫއުއަށް ޗައިނާ ސަރުކާރުން މިއަދު ވަނީ 1.14 މިލިއަން ޑޮލަރުގެ އެހީއެއް ހައުސިން މިނިސްޓްރީއަށް ދީފަ އެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި މަސައްކަތުގެ ސަބަބުން އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދުގައި ބޮޑެތި ޖަމާއަތްތައް ހަދަން ޖެހޭ ފަހަރު އެކަމަށް ބޭނުންވާ އެކަށީގެންވާ ޖާގަ އެ ސަރަހައްދުން ލިބޭނެ އެވެ. އަދި އެކަމުގެ ސަބަބުން މީހުންނަށް ނަމާދު ކުރަން ފަސޭހަވެ، އިސްލާމީ މަރުކަޒުގެ ހައިބަތު އިތުރު ވެ އެ ސަރަހައްދަށް ފުރިހަމަކަން އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް 5000 އަކަ މީޓަރުގެ ސަރަހައްދެއްގައި މާބަލް ޖަހާނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ބޭރު ހިމެނޭ ގޮތަށް މާބްލް ޖަހައި ޒީނަތްތެރިކުރަން ހައުސިން އިން ނިންމާފައިވާ އިރު އެސަރަހައްދު ރީތި ކުރުމަށް އެހިސާބުގައި ނަމާދު ކުރާ ފަރާތްތަކަށް ހިޔާވާނެހެން ކުޑަ ޖަހާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ޖަހާ ކުޑަތަކަކީ މަސްޖިދުއް ނަބަވީގައި ހުންނަ ކަަހަލަ ރީތި ކުޑަތަކަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގައި ޖާގަ ބޮޑުކޮށް މީހުންނަށް ނަމާދަށް އަރަން ފަސޭހަވާނެ ގޮތަކަށް ހެދުމަށް ޓަކައި ހައުސިން މިނިސްޓަރީ އިން މީގެ ކުރިން ވަނީ ސްލާމީ މަރުކަޒުގެ ބޭރު ފާރު ތަޅާލައި، މިސްކިތުގެ ބޭރުގައި ނަމާދުކުރެވޭ ގޮތަށް ހަދައި މަގު ބަންދުކޮށްފައެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ހެދުމުން އެއްފަހަރާ 20000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.