އިސްލާމިކް މިނިސްޓްރީ

އުނގޫފާރު އިސްލާމި މަރުކަޒު ޖޫންގައި ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ ޖޫން މަހުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އުނގޫފާރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިސްކިތް ނުހުޅުވި ލަސްވަނީ މިސްކިތުގެ ކްލާސް ރޫމް ތަކާއި މަލްޓި ޕާޕަސް ހޯލަށް ބޭނުންވާ ފަރުނީޗަރާއި އިތުރު ބައެއް ތަކެތި ލިބިފައި ނުވާތީީ ކަމަށެވެ.

މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި ސައުންޑަށް ބޭނުންވާ ސާމާނު ހޯދަން މީގެ ކުރިންވެސް ބަޔަކާއި ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެކަމަށް ދިން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަކެތި ފޯރުކޮށްދީފައި ނުވާތީ އެމީހުން އަތުން އެ މަސައްކަތް ނަގައި އެހެން ބަޔަކަށް މިހާރު ވަނީ މަސައްކަތް ހަވާލުކޮށްފަ އެވެ. މަސައްކަތް އަލަށް ހަވާލުކުރި މީހުންނަށް ތަކެތި ސަޕްލައި ކުރަން ދިނީ 60 ދުވަހެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ. މި ރޯދަ މަހަށް އެތަން ހުޅުވަން މަސައްކަތް ކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އުނގޫފާރު ކައުންސިލާއި މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ މަރުކަޒުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށްފަހު ތަން ހުޅުވަން ކަމަށެވެ.

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވަން ތައްޔާރުވަމުންދާތީ އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ.

އުނގޫފާރޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒަކީ 1،000 މީހުންގެ ޖާގައިގެ ތަނެކެވެ. ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމް ތަކާއި މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ވަސީލަތްތަކެއް ގާއިމުކޮށްފައި ހުރެ އެވެ. އެ މަރުކަޒުގައި އަޅާ ކްލާސް ރޫމްތަކުގައި ހިންގާނީ ގުރުއާން ކްލާސް ތަކެކެވެ. އަދި ބައެއް ކްލާސްތައް ބޭނުންކުރާނީ އިދާރީ ބޭނުން ތަކަށެވެ.