ހަބަރު

އިސްލާމީ މަރުކަޒު މަރާމާތު ކުރޭ: މިނިސްޓްރީ

Jan 4, 2021
11

ގައުމީ ބަތޮލު، ބޮޑުތަކުރުފާނަށް ނިސްބަތްވާ ހައިބަތު ބޮޑު، މިސްކިތް އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާތަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ރައްދެއް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓަތު ޑރ. އަހުމަދު ޒާހިރަށް ޓެގްކޮށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ކުރީއްސުރެ ވެސް ވަރަށް ލޯބިން ފަރުވާތެރި ކަމާއެކު ބަލަހައްޓަމުން އައި ރާއްޖޭގެ މުހިއްމު ރަމްޒީ ބިނާ އެއް ކަމަށެވެ.

އަރަބިއްޔާ އާއި މައުހަދުން ކިޔަވާ ވިދާޅުވި ވައްޑޭ ވިދާޅުވީ އިސްލާމީ މަރުކަޒު ވީރާނަވަމުން އަންނަ ތަން ފެނުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. މީގެ އިތުރުން ވައްޑޭ ވަނީ އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް ރައްދު ދީ، އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން މިދިޔަ އަހަރުން ފެށިގެން ކުރެވެމުންދާ ކަމަށެވެ.

"އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު، ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައި،" މިނިސްޓްރީން ބުންޏެވެ.

އިތުރަށް ބުނީ ރާއްޖޭގެ ހުރިހާ މިސްކިތްތައް ބެލެހެއްޓުން ބަޖެޓާއެކު ކައުންސިލްތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒަކީ މަރުކަޒަކީ މީގެ 37 އަހަރު ކުރީން އިސްމީ ވަރަށް ގިނަ ގައުމުތަކުގެ އެހީއާއެކު 1984 ގައި "މަސްޖިދުލް ސުލްތޯން މުހައްމަދު ތަކުރުފާނު އަލް އައުޒަމް" ގެ ނަމުގައި ރައީސް މައުމޫން ބިނާ ކުރެއްވި މިސްކިތެއް އަދި އިސްލާމީ މަރުކަޒެކެވެ. ރާއްޖޭގެ އިސްލާމީ ދަންމަރާއި ޝަހުސިއްޔަތު އެންމެ ބޮޑަށް ފާޅުކޮށްދޭ އެ ބިނާއަކީ އެއީ އެއްފަހަރާ، 5،000 މީހުންގެ ޖާގައިގެ މިސްކިތާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ލައިބްރަރީ އާއި ކްލާސް ރޫމްތައް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ފުރިހަމަ ބިނާއެކެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިދާރާއަކީ ވެސް އިސްލާމީ މަރުކަޒެވެ.

އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމަށް ފަހު މަރުކަޒު މަރާމަތު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އާންމު ފަރާތަކާ ހަވާލު ކޮށް މަރުކަޒުގެ ބައި ބައި ބަންދުކޮށްގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.