މާދަމާއިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް އިސްލާމީ މަރުކަޒުގައި ހުތުބާ ކިޔާ ވަގުތު، ޚުތުބާގައި ކިޔާތަކެތި ހަރަކާތްތަކުން ނުވަތަ ސައިން ލޭންގުއޭޖުގެ އެހީގައި ކިޔައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަޑު އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް އަމާޒުކޮށް ހުކުރު ޚުތުބާ ކިޔާ ވަގުތު ޚުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތް ހެދުމުގެ ގޮތުން ސައިން ލޭންގުއޭޖް ބޭނުން ކޮށްގެން ޚުތުބާ ކިޔައިދިނުން މާދަމާއިން ފެށިގެން އިސްލާމީ މަރުކަޒު ގެ ތިންވަނަ ބުރީގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
އަދި އެފަދަ ކުދިންނަށް ތިންވަނަ ބުރީގައި ތިބެވޭނެ އިންތިޒާމެއް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން ޚުތުބާ ކިޔަމުންދާ ވަގުތު ޓީވީއެމް އިންވެސް ސައިންލޭންގުއޭޖުން ޚުތުބާ ކިޔާދޭ މަންޒަރު ދައްކާނެ އެވެ.
މީގެ އަހަރުތަކެއް ކުރިން ފެށިގެން އެކި ޖަލްސާތަކުގައި ދައްކާ ވާހަކަތައް ވެސް އަޑު އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް ހަރަކާތްތަކުން ބުނެދެ އެވެ.