ލ. ގަން

ލާމް ލިންކްގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ

May 14, 2016

ލ. ފޮނަދޫން ގަމަށް ހަދާ ބޮޑު މަގު، "ލާމް ލިންކް" ގެ މަސައްކަތުގެ 90 ޕަސެންޓް ނިންމާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ލާމް ލިންކްގެ މަސައްކަތް މިހާރު ކުރިޔަށްދާ ސްޕީޑްގައި އަންނަ ޖުލައި މަހުގެ ނިޔަލަށް މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މަގު ބާކީ މަސައްކަތްތައް ކުރިޔަށްދަނީ ބާރަށް ކަމަށެވެ.

ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 16 ކިލޯ މީޓަރުގެ ދިގު މަގު 90 ޕަސެންޓް މަސައްކަތް ނިްމާލި އިރު އެއީ ދެ އަހަރުން ނިންމަން ހަވާލުކޮށްފައިވާ އޮތް މަސައްކަތެކެވެ. މިނިސްޓްރީން ބުނެފައި ވަނީ އަންނަ އޯގަސްޓަ މަހުގެ ތެރޭގައި ލާމް ލިންކް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ގޮތު ދިން 171.7 މިލިޔަން ރުފިޔާ އިން މަގުގެ މަސައްކަތް ފެށީ ޑިސެމްބަރު 15، 2014 އިގައެވެ. އެއްބަސްވުމުގައި ސޮއި ކުރީ އެ އަހަރުގެ ނޮވެމްބަރުގަ އެވެ.

ލާމް ލިންކް ޑިޒައިން ކޮށްފައި ވަނީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ޑިޒައިން ކުރި ސީސީސީސީ ހައިވޭ އިންނެވެ.
މި މަގު ހަދަނ ވަރަށް ގިނަ ދިރާސާ އާއި ސާވޭކޮށް މަގުގައި ދެކޮޅަށްދުއްވާ ބައިގެ މެދުން ބެރިއާސްލައި މެދުގައި ލައިޓާއި ގަސް ޖަހައިގެން ވަރަށް ފުޅާކޮށެވެ. އަދި އެކްސިޑެންޓްތައް ނުހިނގާނެ ގޮތަށް ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެނެވެ.