ވިޔަފާރި

އޭޝިޔާގެ އެންމެ ބޮޑު ޑައިވް ފެއާގައި ގެސްޓް ސްޕީކާއަކަށް ރާއްޖޭގެ ސެންޑީ

May 14, 2016
1

އޭޝިޔާގައި ބާއްވާ އެންމެ ބޮޑު އެއް ޑައިވް ފެއާކަމަށްވާ ޑައިވް ރިސޯޓް ޓްރެވަލް (ޑީއާރްޓީ) އެކްސްޕޯގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ރާއްޖޭގެ މަޝްހޫރު ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) އަށް ލިބިއްޖެ އެވެ. އަންނަ އަހަރު ސިންގަޕޫރުގައި އޮންނަ މި ފެއާގައި ބާއްވަނީ ފެބްރުއަރީ 24-26 އަށެވެ.

"އަވަސް" އަށް ވާހަކަ ދައްކަމުން ސެންޑީ ބުނީ މި ފެއާގައި ގެސްޓް ސްޕީކާއެއްގެ ގޮތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމަކީ ކުރިއެރުމެއް ކަމަށެވެ.

"އެމީހުން އިންވައިޓްކޮށްފައި އެބައޮތް. މިއީ ޑައިވް ކުރާ ފަރާތްތަކާއި ރިސޯޓުތަކުން ވެސް ބައިވެރިވާ ފެއާއެއް. މި ފެއާގައި ދުނިޔޭގެ އަށް ގައުމަކުން ބައިވެރިވޭ،" ރާއްޖޭގެ ފުރަތަމަ ޕަޑީ ޑައިވް އިންސްޓްރެކްޓަރު ކަމަށްވާ ސެންޑީ ބުންޏެވެ.

އޭނާ ބުނީ ރާއްޖެއަކީ ފީނާ މީހުންނަށް އެންމެ މަޝްހޫރު އެއް މާކެޓުކަމަށާއި، މިއީ ރާއްޖެ އިޝްތިހާރު ކޮށްލުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށެވެ.

"ހަގީގަތުގައި ރާއްޖެއަކީ ފީނާ މީހުންނަށް ދުނިޔޭގެ ނަމްބަރު ވަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެގޮތަށް ބަލާއިރު ވެސް މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" މީގެކުރިން ވެސް މިފަދަ ބައެއް ފެއާތަކުގައި ވާހަކަ ދައްކާފައިވާ ސެންޑީ ބުންޏެވެ.

ޑީއާރުޓީ ފެއާއަކީ ޑައިވް މާކެޓާއި ރިސޯޓުތައް އިޝްތިހާރު ކުރުމަށް ބާއްވާ ފެއާއެކެވެ. މި ފެއާ ހޮންކޮންގާއި ޝަންހާއީ އަދި ފިލިޕީންސްގައިވެސް ބާއްވާފައިވެ އެވެ.