ޖެހިޖެހިގެން ހަތަރު ވަނަ އަހަރަކު ޖަރުމަނު ލީގު ބަޔާން މިއުނިކް ކާމިޔާބުކޮށްފި އެވެ.
އެ ޓީމަށް ލީގު އައްޑަނަ ހަވާލުކުރީ ހެނޯވާ96 އަތުން މިރޭ 3-0އިން މޮޅުވި މެޗަށް ފަހު އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރޮބަޓް ލެވޮންޑޯސްކީ އެވެ. އަނެއް ދެ ލަނޑު ޖެހީ މާރިއޯ ގޮޓްޒާ އެވެ. މީގެ ތެރެއިން ލެވޮންޑޯސްކީ އަކީ ލީގުގެ އެންމެ ގިނަ ލަނޑ ޖެހި ކުޅުންތެރިޔާ އެވެ. މެޗު ފެށުމުގެ ކުރިން އޭނާ އަށް ވަނީ މިއެވޯޑް ވެސް ހަވާލުކޮށްފަ އެވެ.
ޖަރުމަނު ލީގު ބަޔާން ކާމިޔާބުކުރީ 88 ޕޮއިންޓާއެކުގަ އެވެ. މިއީ ދެ ވަނާގައިވާ ބޮރޫޝިޔާ ޑޯޓްމުންޑަށްވުރެ 10 ޕޮއިންޓް ގިނަ އަދަދެކެވެ.
ސީޒަނުގައި ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗު ބަޔާން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ ދެ މެޗުންނެވެ.
ޖަރުމަނު ލީގު ކާމިޔާބު ކުރުމުން ސްޕޭނުގެ ކޯޗު ޕެޕް ގާޑިއޯލާގެ ތިން އަހަރުގައި ވެސް އެ ޓީމަށް ލީގު ކާމިޔާބު ކުރެވިފައިވާތީގެ ކުރީގެ ކޯޗު ޔަޕް ހެއިންކްސް ވަނީ މަރުހަބާ ކިޔާފަ އެވެ.
މިސީޒަނަށް ފަހު ބަޔާން ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވާ ގާޑިއޯލާ އަށް މެޗު ފެށުމުގެ ކުރިން ވަނީ ހާއްސަ ހަނދާނީ އެވޯޑެއް ދީފަ އެވެ. އޭނާގެ ކޯޗުކަމުގައި ބަޔާން ތިން ފަހަރު ލީގު ކާމިޔާބުކޮށް، ޖަރުމަނު ކަޕް އެއް ފަހަރު ވަނީ ހޯދައިފަ އެވެ. މި ސީޒަނުގައި ޖަރުމަނު ކަޕުގެ ފައިނަލު މެޗު އަދި ކުރިއަށް އޮތީ އެވެ. ނަމަވެސް ތިން އަހަރު ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފައިވާތީވެ ބާސެލޮނާގެ ކުރީގެ ކޯޗަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.