ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި މައުރީން

  • މައުރީނާއެކު 13 މީހެއްގެ ނަން ވަނީ ހުށަހަޅާފައި
  • މައުރީނަކީ ނައިބު ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް
  • ދައުލަތުން ވެސް ހެކި ހުށަހެޅި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އޮފީހުގެ ޑިރެކްޓަރު އޮފް އެޑްމިނިސްޓްރޭޝަން އައިމިނަތު މައުރީނާގެ ނަން ކޯޓަށް ހުށަހަޅައިފި އެވެ.

މިއަދު ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި މައުރީންގެ ނަމުގެ އިތުރުން ވެސް ދިފާއީ ހެކިންގެ ގޮތުގައި 13 މީހެއްގެ ނަން އަދީބުގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ދައުލަތުގެ ފަރާތުން ވެސް ހެކި ވަނީ ހުށަހަޅާފަ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފައިވަނީ "ފިނިފެންމާ" ލޯންޗްކޮޅުގައި ހަރުކުރަން އެ ލޯންޗްކޮޅު ބޭނުންކުރި ކަމުގެ ތުހުމަތުގަ އެވެ. "ފިނިފެންމާ" މައްސަލާގައި އަދީބުގެ މައްޗަށް މި ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

މި މައްސަލާގައި ހެއްކެއްގެ ގޮތުގައި މައުރީންގެ ނަން ހުށަހަޅާފައިވާއިރު، އޭނާގެ ނަން ހުށަހެޅީ ތިން ކަމެއް ސާބިތުކޮށްދިނުމަށެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އަދީބު އާރަށަށް ދަތުރުކުރުމަށްޓަކައި ލޯންޗެއް ހަމަޖައްސަން މައުރީނަށް އަންގާފައިވާކަން ސާބިތުކޮށްދިނުމަށާއި އެ ރަށަށް ދިޔުމަށް ވަކި ލޯންޗެއް ހަމަޖައްސަން މައުރީނަށް އެންގިކަން ސާބިތުކޮށްދިނުމަށާއި އާރަށަށް ދިޔުމަށް ލޯންޗެއް ހަމަޖައްސަން އުސޫލުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވާކަން ސާބިތުކޮށްދިނުމަށެވެ.

އަދީބުގެ ފަރާތުން ހުށަހެޅި ހެކިން:

  • ހދ. ނެއްލައިދޫ، ޕޫނަމް، އާމިނަތު މައުރީން
  • މއ. ސިގްމާ، ހަސަން ރިކާޒު
  • ލ. މާވަށް، ޒަމާނީއާކުލަ، އަބޫބަކުރު މުއާޒު
  • ހއ. ބާރަށް، މަތިރަތްމާގެ، މުހައްމަދު ސުޒައިލް
  • މ. ދިއްގަރު ،ރެޑްހައުސް، މަހްމޫދު އަބްދުއްސައްތާރު
  • އެމްއެންޑީއެފްގެ ވޮރަންޓު އޮފިސަރު އަހުމަދު ހަލީލް
  • އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓް ކްލާސް އިސްމާއީލް މުއާޒު
  • އެމްއެންޑީއެފްގެ ސާޖަންޓު މޫސާ ހަލީލް
  • އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު ހަސަން ސަބާހު
  • އެމްއެންޑީއެފްގެ ސާޖަންޓު ސިޔާދު އަބްދުލް ވާހިދު
  • އެމްއެންޑީއެފްގެ ކޯޕްރަލް ނަބީލް
  • އެމްއެންޑީއެފްގެ ކޯޕްރަލް ޖާދުﷲ އަހުމަދު

އަދީބުގެ ފަރާތުން 13 ހެއްކެއް ހުށަހެޅިއިރު، ދައުލަތުން ހުށަހެޅީ ހަ ހެއްކެކެވެ. ދައުލަތުން ހުށަހެޅި އެއް ހެކި ވަނީ ސިއްރުކޮށްފަ އެވެ.

ދައުލަތުން ހުށަހެޅި ހެކި:

  • އެމްއެންޑީއެފްގެ ސާޖަންޓު މޫސާ ހަލީލް
  • އެމްއެންޑީއެފްގެ އެސްޕީޖީ މުހައްމަދު ސުޒައިލް
  • އެމްއެންޑީއެފްގެ އެސްޕީޖީ އަބޫބަކުރު މުއާޒު
  • އެމްއެންޑީއެފްގެ ވޮރަންޓު އޮފިސަރު އަހުމަދު ހަލީލް
  • އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓު ކްލާސް އިސްމާއީލް މުއާޒު

މި ހެކިންގެ ހެކި ބަސް ނެގުން މައްސަލާގެ އަޑުއެހުމެއް މި މަހުގެ 31 ވަނަ ދުވަހު ބާއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.