މުހައްމަދު ސައީދު

ނަޝީދު ކުރައްވަނީ ގައުމީ ކުށެއް، ތައުލީމު ހޯދައި އިސްލާހުވާން ޖެހޭ: ސައީދު

ރައީސް އަބްދުﷲ ޔާމީން ތަރައްގީއަށް ކުރައްވަވާ ކަންތައްތަކަށް އުނދަގޫ ކުރުމަކީ ގައުމީ ބޮޑު ކުށެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ގައުމު ހިންގުމަށް ރައީސް ކުރައްވާ ކަންތައްތަކަށް ހުރަސް އެޅުމުގެ ބަދަލުގައި ތައުލީމު އުނގެނިގެން ހެޔޮ މަގަށް ރުޖޫއަވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ނުސީދާކޮށް ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ ދުރު ވިސްނޭ ހަލަބޮލިކަން އޮތްކަން އެނގޭ ލީޑަރެއް ކަމަށެވެ. އެތެރެއާއި ބޭރުން ގޮންޖެހުންތައް ކުރިމަތިވާނެކަން އެނގޭ ހުށިޔާރު ލީޑަރެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމު ހިންގަވާ ތަރައްގީކުރުމަށް ރައީސް ކުރައްވާ ކަންކަމަށް ހުރަސް އެޅުމަކީ ގައުމީ ކުށެއް ކަމަށެވެ. އަދި އެފަދަ އަމަލެއް ކުރައްވަނީ ރާއްޖޭގައި އެއް އިރެއްގައި ވެރިކަން ކުރެއްވި ބޭފުޅެއް ނަމަވެސް އެ ވާނީ ހަމަ ބޮޑު ކުށަކަށް ކަމަށް ސައީދު ވިދާޅުވި އެވެ. އިނގިރޭސިވިލާތުގައި ނުވަތަ އެހެން ގައުމެއްގައި ހުރެގެން ވެސް ގައުމުގެ ހިންގުމަށް އުނދަގޫކުރުމުގެ ބަދަލުގައި އުނގެނި ކަންކަން ދަސްކޮށް ހައްގުގެ މަގަށް ރުޖޫއަވުމަށް ވެސް ސައީދު ވަނީ ނަސީދަށް ގޮވާލައްވައިފަ އެވެ.

"އެއްވެސް ދުވަަސްވަރެއްގައި ވެރިކަން ކުރެއްވި ބޭފުޅެއް ވެސް މި ގައުމު ދެކެ ލޯބިވާ އެއްވެސް ދިވެއްސެއް ވެސް އެފަދަ އެއްވެސް ކަމެއް ކުރެވޭނަމަ އެ ކުރެވެނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގޯސް ކަމެއް، ގައުމީ ބޮޑު ކުށެއް، އިނގިރޭސިވިލާތުގައި ތިއްބަވާ އަދި އެނުން ތަނެއްގައި ތިއްބަވައިގެން ވެސް ރައިސުލްޖުމްހޫރިއްޔާ ގައުމު ހިންގަވާ ގޮތަށް އުނދަގޫކުރައްވާ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ ދިނީ ގޮތުން ވެސް ފުރަތަމަ ގެނެސްދެއްވި ބަހަކީ "އިޤްރައު" (އުނގެނޭށޭ)!،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކިޔެވޭނެ ކޮލެޖްތައް ރާއްޖޭގައި ވެސް އެބަހުރި ކަމަށެވެ. އަދި އެއީ ނަޝީދަށް ވެސް އޮތް ފުރުސަތެއްކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އުނގެނުމަށް ރައީސް ނަޝީދަށް ގޮވާލެއްވުމުގެ އިތުރުން ހައްގަށް ރުޖޫއަވުމަށް ވެސް ގޮވާލައްވާފަ އެވެ.

"މިފަދަ ބޭފުޅުން ގައުމަށް އެނބުރި ވަޑައިގެން ގައުމުގައި ތިއްބަވައިގެން، ރައިސުލްޖުމްހޫރިއްޔާ ދަތިފުޅުކުރެއްވުމުގެ ބަދަލުގައި މި ގައުމުގައި ވެސް އެބަހުރި ކޮލެޖްތައް މަދަރުސާތައް އިލްމް އުނގެނެވެން، ﷲ އަންގަވާފައިވާ ގޮތަށް "އިޤްރައު" ރީޑް، ހައްގަށް ރުޖޫއަވުމަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.