ހަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓް ކެޑި އާންމުންނަށް ދަތިވެއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެޑި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެޑިފައި ވަނީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަމަށް "އަވަސް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓާއި ފެން ކެޑުމުގެ މައްސަލަ ކުރިމަތިވި އެވެ.

އެ ހިދުމަތްތައް މެދުކެޑުނީ ގާތްގަނޑަކަށް މެންދުރު 12:00 އެހާއިރު ކަމަށް ބައެއް މީހުން ބުންޏެވެ. އަދި އޭގެ 15 ވަރަކަށް މިނެޓް ފަހުން ބައެއް ސަރަހައްދުތަކަށް އެ ހިދުމަތްތައް އަލުން ލިބުނު ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް އަދި ވެސް ބައެއް ސަރަހައްދުތަކަށް އެ ހިދުމަތް ނުލިބެ އެވެ. 

އެ ސަރަހައްދުތަކުން ކަރަންޓާއި ފެން ކެޑުނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ.

މިއަދަކީ ހުކުރު ދުވަސްކަމުން މެންދުރު ވަގުތަކީ އެންމެ ގިނައިން އާންމުން ފެން ބޭނުން ކުރާނެ އެއް ވަގުތެވެ. އަދި މިއަދަކީ ވީކެންޑްގެ ފުރަތަމަ ދުވަސްކަމުން އެންމެން ގޭގައި ތިބޭތީ ކަރަންޓް ބޭނުން ކުރާ މިންވަރު ވެސް މިއަދު ވަރަށް އިތުރުވެ އެވެ. އެކަމާ ހުރެ ގިނަ ބައެއްގެ ޝަކުވާތައް ވަނީ ބަންޑުންވެފަ އެވެ. 

"ހުކުރަށް ދާން ފެންވެރޭނެ ގޮތެއް ވެސް ނެތިފައި މި ހުރީ. މިކަހަލަ ދުވަހެއްގައި ފެންކެޑުމުން ގޭގެ އަންހެން ވެރިންނަށް ވެސް ކެއްކުމުގެ ކަންކަމަށް ވެސް އެބަ ދަތިވ. މިއަދަކީ މި ގޭގައި އެއްޗިހި ވެސް ދޮންނަ ދުވަސް. އެކަމަކު އެއްޗިހި ވެސް ނުދޮވެވިފައި އެ ހުރީ،" ހެންވޭރު ގެއަކުން ވާހަކަ ދެއްކި މުހައްމަދު އަބްދުއްރަހުމާން ބުންޏެވެ.