ރައީސް އަބްދުﷲ ޔާމީން

އަމާޒަކީ އެއާޕޯޓުން އަހަރަކު އެއް ބިލިއަން ޑޮލަރު ހޯދުން: ރައީސް

May 15, 2016
1
  • އެއާޕޯޓަކީ މިނިވަންކަމުގެ ރަމްޒެއް
  • މިހާރު އެއާޕޯޓުން ލިބެނީ އަހަރަކު ބިލިއަނެއްހާ ރުފިޔާ
  • ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ މާލީ އެންމެ ބޮޑު ޖަރީމާ

އެއާޕޯޓާ މެދު ކުރެވޭ އުންމީދުތައް ވަރަށް ވެސް ބޮޑު ކަމަށާއި ސަރުކާރުގެ އަމާޒަކީ އެއާޕޯޓުން އަހަރަކު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއާޕޯޓަކީ ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ރައުސްމާލު ކަމަށެވެ. އަދި ރާއްޖެ އިނގިރޭސިންގެ ކިބައިން މިނިވަން ކުރުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި ޖިހާދުގައި ހުޅުލޭގައި އެއާޕޯޓެއް ބިނާ ކުރީ އިސްތިއުމާރުންގެ އެންމެ ކުރީގައި އުޅޭ އިނގިރޭސިންނަށް ގޮންޖަހައި ދިވެހިންގެ ގާބިލްކަން ދައްކުވައިދިނުމަށް ކުރެއްވި މަސައްކަތެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓުން ވެސް ދައްކައުވައިދެނީ ދިވެހިންގެ އަޒުމެއް އޮތް ނަމަ ކުރިއަށް ދެވޭނެ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ، ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު މާލީ ޖަރީމާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓް ނަގައިގެން އެމްއޭސީއެލްއަށް ބިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށެވެ. އެހެން ނަމަވެސް ޖީއެމްއާރުން އެއާޕޯޓް ހިންގި އިރު އެމްއޭސީއެލްއަށް ލިބުނީ 16 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހިންގެ މިނިވަންކަމާ ގުޅިފައި އޮތް އެއާޕޯޓް އެގޮތުގައި ބާއްވައިގެން ތަރައްގީ ކޮށް މިހާރު ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުކުރުން ކަމަށެވެ.

"އެއާޕޯޓްގެ އެމްޑީ އާއި މި ޓީމް ކަމަރު ބަންނަވައިގެން ތިއްބެވިއްޔާ އެ ޔަގީންކަން ދެއްވަންޏާ އަޅުގަނޑުމެންގެ އުންމީދަކީ އެއް ބިލިއަން ރުފިޔާއެއް ނޫން. މި އަދަދު ޑޮލަރުން ލިބުން. އެއް ބިލިއަން ޑޮލަރު މިއީ އަމާޒަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރަން ފަންޑު އެކީ އެއްފަހަރާ ލިބެން އޮތް ނަމަވެސް ވަކި ހިސާބަކުން ފަންޑު އެއްކޮށް ނުލިބޭނެ ކަމުގެ ހަބަރުތަކެއް ލިބި މާޔޫސްކަން އައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް ވަރަށް ކުޑަކުޑަ އަދަދެއްގެ ފަންޑެއް ނޫނީ އެހެން ހުރިހާ ފަންޑެއް ޔަގީންވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ބާކީ އޮތް ފަންޑު ވެސް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ، ސިންގަޕޫރުން އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އަބަދުވެސް 20 އަހަރަށް ޕްލޭން ކޮށްގެން ކަމަށެވެ. ރާއްޖެއިން އަމާޒު ކުރަނީ ހަމަ އެގޮތަށް 25 ނޫނީ 50 އަހަރުގެ ތަރައްގީއަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއާޕޯޓަކީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ރައުސްމާލަކީ އެއާޕޯޓް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ޖީއެމްއާރުން އެއާޕޯޓް އަނބުރާ ހޯދުމަށް މަސައްކަތް ކުރި އެންމެންނަކީ މިނިވަންކަމަށް މަސައްކަތް ކުރި ބައެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މި ސަރުކާރުން އެއާޕޯޓް ބޭރު ބަޔެއްގެ އަތަށް ނުދީ ދިވެހިންގެ އެއާޕޯޓެއްގެ ގޮތުގައި ބާއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.