ހަބަރު

ގައުމީ ޓީމާ އެކު އޭ-380 އާ ރަންވޭގައި ޖައްސައިފި

މި ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގައި ގާއިމް ކުރި އާ ރަންވޭ، ކޯޑް އެފް ރަންވޭއަށް މިހާރު ދުއްވާ އެންމެ ބޮޑެތި ބޯޓް، އޭ-380 ދާދި ދެންމެއަކު ޖައްސައިފި އެވެ. އެ ބޯޓްގެ ކެޕްޓަނެއްގެ ގޮތުގައި އިންނެވީ، އަލީ
އަހުސަން އެވެ.

އެ ބޯޓްގައި ދަތުރު ކުރަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ދިވެހި ގައުމީ ޓީމެވެ. އެ ބޯޓް އާ ރަންވޭގައި ޖެއްސުމުގެ ހުއްދަ ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. އެ ބޯޓް ރަންވޭއަށް ޖެއްސުމުގެ ކުރިން، 1،000 ފޫޓާއި 1،500 ފޫޓް މަތިން މާލެ ވަށައި އެ ބޯޓް ބުރެއް ޖަހާފައިވެ އެވެ. މިއީ ވީއައިއޭގައި ޖައްސާ އެންމެ ބޮޑު އެއް ބޯޓެވެ.

އާރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދާފައިވާ ތަނެވެ. މިތަނުގެ
މަސައްކަތް ކޮށްފައިވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދުނިޔޭގައި ދެވަނައެއް ނެތް ކުންފުންޏެއް ކަމަށްވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ މި ރަންވޭގެ ބޯމިނުގައި 200 މިލިމީޓަރު ހުންނާނެ އެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމާ އެކު މިހާރު އޮތް ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އާ ރަންވޭ ހުރި ސަރަހައްދުގައި ސީޕްލޭން ޓާމިނަލް އާއި ހެނގަރު ހުރުމުން އެ ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފެށޭނީ އެ ތަންތަން އެހެން ތަންތަނަށް ބަދަލުކޮށްގެން އެވެ. އެ އިމާރާތްތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތްތައް އެބަ ކުރިއަށްދެ އެވެ. އެކަމަށް އަދި ދެތިން މަސް ނަގާނެ ކަމަށްވެ އެވެ.