ރައީސް އަބްދުﷲ ޔާމީން

ދުވަސްވީ މީހުންނަށް 15،000 ރުފިޔާ ދެވިދާނެ: ރައީސް

ދިވެހި ދައުލަތަކީ މުއްސަނދި ދައުލަތަކަށް ހެދިއްޖެނަމަ، ދުވަސްވީ މީހުންނަށް ދެމުންގެންދާ 5،000 ރުފިޔާ، 15،000 ރުފިޔާއަށް ބޮޑު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިން ދުވަސްވީ މީހުންނަށް ދެމުން ދިޔައީ 2،000 ރުފިޔާ ކަމަށާއި އެ އަދަދު 2،300 އަށް އިތުރުވެ، މިހާރު 5،000 ރުފިޔާ ދެމުންދާ ކަމަށެވެ.

"ވަރަށް ހިދުމަތްތެރި ދޮށީ ބޭފުޅުން ކޮޅެއް މިތިބީ، ޕެންޝަނާ ހަމައަށް ނުދެވޭ ހިދުމަތުގެ ދާއިރާއިން އެކަހެރިވެފައި ތިބޭ މީހުންނަށް ވެސް ކޮންމެ ވެސް އެއްޗެއް ދޭން އެބަ ޖެހޭ، އެބޭފުޅުންނަށް މީގެކުރިން އަޅުގަނޑުމެން 800 ރުފިޔާ ދިނިން، މާ ދުރު ނޫން މާޒީއެއް ނޫން އޭގެ ފަހުން އެ ބޭފުޅުންނަށް 2000 ރުފިޔާ ދެމުން ދިޔައީ، 2،300 ރުފިޔާ ދީގެން މިހާތަނަށް އައީ، މިހާރު ކޮންމެ މާމައަކާއި ކާފައަކަށް 5،000 ރުފިޔާ ލިބޭނެ، ހިދުމަތްކުރާ މީހުންނަށް ދައުލަތް މުއްސަނދި ވެއްޖެނަމަ އެ އަދަދު ކީއްވެގެންތޯ 15،000 އަށް ޖައްސައި ނުލެވެންވީ،" ރައީސް ވިދާޅުވި އެވެ.

ދައުލަތް މުއްސަނދި ވެއްޖެނަމަ އިނާޔަތްތައް ބޮޑުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއިރު، އެކަން ކުރެވޭތޯ ބެލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އާބާދީއަކީ މުއްސަނދި އާބާދީއަކަށް ހަދައި ދައުލަތަކީ މުއްސަނދި ދައުލަތަކަށް ވެސް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުޅުލެއާއި މާލެ ގުޅުވައިދޭ ބްރިޖް އަޅާ އެ ސަރަހައްދުގައި އަޅާ ބިނާތަކަކީ ދުވަސްވީ އެ ބިނާތަކަކާމެދު ފަހުރުވެރިވާ ވަރުގެ ބިނާތަކެއް ކަމުގައި ހެދުމަކީ އަމާޒެއް ކަމަށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް، ދިރިއުޅުމުގައި ފަސޭހަތަކެއް ގެނެސްދޭނެ ސަރަހައްދަކަށް އެ ސަރަހައްދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.