ވިޔަފާރި

ބޭންކެއް ހިންގުމުގެ ހުއްދަ ޗަމްޕާ އާއިލާއަށް ދީފި

May 16, 2016
3

މަޝްހޫރު ވިޔަފާރި އާއިލާ ޗަމްޕާ ބްރަދާޒްގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ކަމަށްވާ، ޓްރީޓޮޕް އިންވެސްޓްމަންޓަށް ކޮމާޝަލް ބޭންކެއް ހިންގުމުގެ ލައިސަންސް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދޫކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް"ގެ ނަމުގައި އާންމުންނަށް ހިދުމަތްދޭ ބޭންކެއް ހިންގުމުގެ ހުއްދަ ދޫކުރީ ޓްރީޓޮޕް އިންވެސްޓްމަންޓްގެ 45 ޕަސެންޓާއި ކޮމާޝަލް ބޭންކް އޮފް ސިލޯންގެ 55 ޕަސެންޓް ހިއްސާވާ ގޮތަށް ކަމަށެވެ. ޓްރީޓޮޕް އިންވެސްޓްމަންޓްގެ މައިގަނޑު ހިއްސާދާރަކީ ޗަމްޕާ އާއިލާގެ ބޮޑު ހިއްސާ އޮންނަ، ކްރައުން ކޮމްޕެނީ އެ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ އެހެން ވެސް ކުންފުނިތަކެވެ.

އެމްއެމްއޭ އިން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގެ ނިޔަލަށް ބޭންކް ހުޅުވައި ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޮމާޝަލް ބޭންކަކުން ދޭ ހުރިހާ ހިދުމަތްތެއް ދިނުމުގެ ހުއްދަ އެ ބޭންކަށް ދީފައިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ޓްރީޓޮޕް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ހުޅުމާލޭގައި ބިނާ ކުރަމުންނެވެ. މީގެ އިތުރަށް ފައިނޭންސް ލީޒިން ކޮމްޕެނީ، އެމްއެފްއެލްސީ ވެސް ހިންގަނީ އެ ކުންފުނީގެ ވިޔަފާރިއެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ކޮމާޝަލް ބޭންކްތަކުގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ބޭންކް، ބީއެމްއެލް އާއި އިސްލާމިކް ބޭންކާއި، ބޭންކް އޮފް ސިލޯން އާއި ހަބީބް ބޭންކާއި މޮރިޝިއަސް ކޮމާޝަން ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ. މީގެ އިތުރަށް އެޗްއެސްބީސީގެ ޑެސްކެއް ވެސް ރާއްޖޭގައި ހުރެ އެވެ.