ބޭރު ކުޅިވަރު

ވޮލްކޮޓް ބާކީކޮށް އިނގިރޭސި ސްކޮޑު އިއުލާނުކޮށްފި

މެންޗެސްޓާ ޔުނައިޓެޑުގެ 18 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑް ހިމަނައި، އާސެނަލްގެ ތިއޯ ވޮލްކޮޓް ބާކީކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ އިނގިރޭސި ގައުމީ ސްކޮޑު އިއުލާނުކޮށްފި އެވެ.

ކޯޗު ރޯއި ހޮޖްސަން އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިންނަކީ ވޮލްކޮޓްގެ އިތުރުން އެވަޓަންގެ ލެއިޓެން ބައިނެސް އާއި ފިލް ޖެގެއިލްކާ އަދި ޔުނައިޓެޑްގެ މައިކަލް ކަރިކް އަދި މިދިޔަ ހަފުތާގައި އަނިޔާގެ ނުވަ މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު އާސެނަލްގެ ޑެނީ ވެލްބެކެވެ.

ކޯޗު ހޮޖްސަން ބުނީ މި ކުޅުންތެރިން އެކަށީގެންވާ ވަރަށް ކުލަބުގައި ޕާފޯމްކޮށްފައި ނުވާ ކަމަށެވެ.

މި ކުޅުންތެރިންނާއެކު ޕޯޗުގަލް އާއި އޮސްޓްރޭލިޔާ އަދި ތުރުކީއާއެކު ކުޅޭ މެޗުތަކަށް ފަހު ޓީމު ފައިނަލް ކުރާނީ ސްކޮޑުން ތިން ކުޅުންތެރިއަކު ބާކީކޮށްފަ އެވެ.

ރަޝްފޯޑުގެ އިތުރުން އިނގިރޭސި ޓީމުގެ ފޯވަޑް ލައިނުގައި ހިމަނާފައިވަނީ ޔުނައިޓެޑާއި ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ އާއި ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖާއި ލެސްޓާ ސިޓީގެ ޖިމީ ވާޑީ އާއި ޓޮޓެންހަމުގެ ހެރީ ކޭން އެވެ.

ކޯޗު ހޮޖްސަން ބުނީ ރަޝްފޯޑް ވަނީ ސީޒަނުގައި ރަނގަޅަށް ކުޅެފައި ކަމަށާއި 26 ކުޅުންތެރިންގެ ސްކޮޑުން އޭނާ އަށް ޖާގަ ދޭންޖެހޭނެ ކަމަށެވެ.

އަނިޔާއިން ރަނގަޅުވުމުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އާސެނަލްގެ ޖެކް ވިލްޝެއާ އަށް މެދުތެރެއިން ޖާގަ ދީފައިވާއިރު ލިވަޕޫލްގެ ޖޭމްސް މިލްނާ އާއި އާދަމް ލަލާނާ އާއި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ލެސްޓާ ސިޓީގެ ޑްރިންކް ވޯޓާ އާއި ޓޮޓެންހަމުގެ ޑެލޭ އަލީ އާއި އެވަޓަންގެ ރޮސް ބާކްލޭ އަށް ވެސް ފުރުސަތު ދީފައިވެ އެވެ.

ފަހަތުން ސައުތެމްޓަނުގެ ރަޔަން ބާޓްރޭންޑާއި ލިވަޕޫލްގެ ނެތަނިއަލް ކްލައިން އާއި ޗެލްސީގެ ގެރީ ކާހިލް އާއި ޓޮޓެންހަމުގެ ޑެނީ ރޯސް އާއި އެވަޓަންގެ ޖޯން ސްޓޯން އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކްރިސް ސްމޯލިން އަށް ޖާގަ ދީފައިވެ އެވެ.

ތިން ކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ އެއްވަނަ ކީޕަރު މެންޗެސްޓާ ސިޓީގެ ޖޯ ހާޓް އާއި ބާންލީގެ ޓޮމް ހޯޓަން އަދި ސައުތެމްޓަނުގެ ފްރޭސާ ފޯސްޓާ އެވެ.