އުރީދޫ

އިތުރު ޖީބީތަކާ އެކު އުރީދޫގެ ޑޭޓާ ޕެކޭޖްތައް ސަޅިކޮށްލައިފި

May 16, 2016
1

ކުރިއަށް ވުރެ ގިނަ ޑޭޓާ އެލަވެންސާއި އެހެން ވެސް އިނާޔަތްތަކާ އެކު އުރީދޫ އިން މުޅިން އާ ޕެކޭޖްތަކެއް ތައާރަފް ކޮށްފި އެވެ. އުރީދޫ އިން ވަނީ ބައެއް ޕެކޭޖްތަކުގެ އަގު ވެސް ހެޔޮކޮށްލައިފަ އެވެ.

އަލަށް ތައާރަފް ކުރި ބައެއް ޕެކޭޖްތަކުގައި ފޭސްބުކާއި ޓްވިޓާ އަދި ވަޓްސްއެޕް ހިލޭ ކޮށްލާފައިވާ އިރު، 30 އެމްބީ އިން ފެށިގެން 200 ޖީބީ އާ ހަމަޔަށް ޑޭޓާ ލިބޭ ޕެކޭޖްތައް ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖްތަކުގެ އަގުތައް ހުރީ، 10 ރުފިޔާ އިން ފެށިގެން 5699 ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ. އަދި ކޮންމެ ލޯކަލް ނެޓްވޯކަކަށް ވެސް ހިލޭ ގުޅޭނެ މިނެޓްތައް ވެސް ޕެކޭޖްތަކުގައި ވަނީ ހިމަނައިފަ އެވެ.

އުރީދޫގެ ޑޭޓާ ޕެކޭޖްތަކަށް ފުރިހަމަ ބަދަލުތަކެއް ގެނެސް، އާ މޮބައިލް ޑޭޓާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފައިވާ ކަމަށް އެކުންފުނިން މިއަދު އިއުލާންކޮށްފިއެވެ. ޑޭޓާ ޕެކޭޖް އަށް އައިސްފައިވާ ހިތްގައިމު ބަދަލާއި އެކު، ހިލޭ ވަޓްސްއެޕް އަދި ޓްވިޓަރ ބޭނުންކޮށް، ކޮންމެ ލޯކަލް ނެޓްވަރކް އަކަށް ވެސް ހިލޭ ގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

އާ ޕެކޭޖްތައް ތައާރަފް ކުރުމާ ގުޅޭ ގޮތުން، އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހް ވިދާޅުވީ، ރާއްޖޭގައި މޮބައިލް ޑޭޓާގެ ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ގެނައުމުގައި، އުރީދޫ އިން އިސް ރޯލެއް ކުޅެފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ހިދުމަތް ހޯދާ ނެޓްވާކް އަކީ އުރީދޫ ކަން ވެސް ވިކްރަމަ ވިދާޅުވި އެވެ. އަދި މި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އުރީދޫ އިން އިސްކަން ދޭ ކަމެއް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އާންމު ހަޔާތުގައި އިންޓަނެޓުގެ ދައުރު އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުންދާ ހިނދު، އިތުރަށް ފުރިހަމަ ކުރެވިފައިވާ ޑޭޓާ ޕެކްތަކެއް ގެނެސްދިނުމާއިއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިންޓަނެޓުގެ ފައިދާތައް ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވެ އެވެ.

އުރީދޫ ޑޭޓާ ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުންކުރެވޭއިރު، މިޕެކޭޖުތައް ސްމާޓްފޯނުން އަދި ބްރޯޑްބޭންޑް ޑިވައިސްތަކަށްވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.